ހަބަރު

ހުޅުމާލޭ ހައިވޭގައި ތާރު އަޅަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ، ލިންކް ރޯޑްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕްގެ ހަވާލުގައި ފަށާފައިވާ 370 މިލިއަން ރުފިޔާގެ މި މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، ލިންކް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު މަގުގައި އެހެން މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށާއި މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމެން ކައިރިވެފައިވާ ކަމަށެވެ.

ހައިވޭގެ މަޝްރޫއަކީ ދެ ފިޔަވައްސަކަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން ހައިވޭއާއެކު ހުޅުމާލެ ފޭސް އެކެއްގެ ހައިވޭއާ ގުޅޭ މަގުތައް ވެސް ފުޅާ ކުރާނެ އެވެ. މަގު ފުޅާ ކުރުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ނިމުމަކާ ގާތަށް އައިސްފަ އެވެ.

އެޗްޑީސީއިން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހި އާބާދުކޮށް ނިމޭއިރު އެ ސިޓީ ގެ އާބާދީ 240،000 އަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ހަމައެކަނި ފެރީގެ ނިޒާމަކުން އެވަރުގެ އާބާދީއަކަށް ދަތުރުފަތުރު ފަސޭހަކޮށް ނުދެވޭނެ ކަމަށާއި ލިންކަކުން ހުޅުލެއާއި ގުޅާލުމުގެ މަސައްކަތަކީ ހުޅުމާލޭގެ މުސްތަގްބަލަށްޓަކައި ފެށި މަސައްކަތެއް ކަމަށެވެ.

"ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރު ކުރެވެން މިހާރު އޮތީ ކަނޑިމަގުން. ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ފެރީއިން ދަތުރުކުރާއިރު ހުޅުމާލޭގެ ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވެފައިވަނީ ދަތުރުކުރުން،" އެޗްޑީސީން ބުންޏެވެ.

ހުޅުލެ-ހުޅުމާލެ ލިންކް ރޯޑްގައި ހަތަރު ކިލޯ މީޓަރުގެ ދިގުމިން ހުންނަ އިރު، ހައިވޭ ހަތަރު ލޭނަކަށް ބަހައި ހުރިހާ ވައްތަރެއްގެ އުޅަނދުތަކަކަށް ފަސޭހައިން ދެވޭ ވަރަށް ލޭނު ފުޅާކުރުމަށް އިސްކަންދީފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބުނީ، ސިނަމާލެ ބްރިޖް ހުޅުވެން ވާއިރަށް ލިންކްގެ މަސައްކަތް ވެސް ނިމޭނެ ކަމަށެވެ.

މާލެ-ހުޅުލެ ބްރިޖް ހުޅުވާނީ އަންނަ މަހު އެވެ.