ލައިފްސްޓައިލް

އެއްކަލަ ފިހާރަ ކައިރިއަށް އާދެވޭނެތަ؟

އޯގަސްޓް 8، 2018 - އިރާކޮޅު، 7:30: މާލޭގެ އިރު އުތުރު، ބޮޑުތަކުރުފާނު މަގުން މައިޒާން އިލެކްޓްރޯނިކާ ޖެހިގެން އޮންނަ ކުޑަ ބިންކޮޅާ ދިމާއަށް ބަލަހައްޓައިގެން މީހަކު އެބަހުރެ އެވެ؛ އަހަރެން އެހިސާބާ އަރައި ހަމަވުމުން އޭނާ މިހެން ވެސް އެބަ ބުނެ އެވެ: "މި އޮތީ ކުރިން ގޮނޑެއް. މިހާރު އެއޮތީ ބޮޑު ވިޔަފާރިއަކާއެކު ޕާކެއް ތަރައްގީކޮށްފައި، މިވާހަކަ ލިޔެލާން ރަނގަޅެއްނު،"

އަހަންނަކީ ކީއްކުރާ ކާކުކަން އޭނާ ދަންނަކަން އަހަންނަށް އާންގާލައި ބޭނުންވާ ކަމަކުން އިޝާރާތް ކޮށްލީތާ އެވެ. އެކަމަކު އެއީ ތެދެކެވެ. މިދިއަ ހައެއްކަ އަހަރުގެ ތެރޭގައި އެ ބިންކޮޅު "ހިފައި ވެރިވެގަނެގެން" އުޅުނީ ދިވެހި - ބަންގާޅު އާބާދީގެ ތެރެއިން ބައެކެވެ.

ހޯދި ގޮތަކަށް ހޯދައި ކެރަމް ބޯޑްތަކެއް ބަހައްޓައިގެން އެ މީހުން އެތަން ބޭނުން ކުރީ ކޮންމެ ދުވަހަކު ހަވީރު ފިނިން ފެށިގެން ރޭގަނޑުގެ ހިމޭން ވަގުތާ ހަމައަށް ކޮޅަށް ތިބެ ކެރެމްބޯޑު ކުޅޭ އައުޓްޑޯ ކެރަމް ހޯލެއްގެ ގޮތުގަ އެވެ. އެކަމަކާ ބަޔަކު އަޅައެއް ވެސް ނުލަ އެވެ. އެކަމަކު ކޮންމެވެސް ބަޔަކު އަޅައިލީމާ މިހާރު މަންޒަރު ބަދަލުވެއްޖެ އެވެ.

މިހިރަ މީހާ އެބުނާ ފަދައިން އެ ދިމާއިން ފައްޗަކަށް ޖެހި ކެރަމް ބޯޑުތަކުގެ ބަދަލުގައި މިހާރު އެ ފެންނަނީ ފިހާރަ ފައްޗެކެވެ. ގޮނޑެއްހެން އޮތް ބިނކޮޅު ބަދަލުގައި މިހާރު އެއޮތީ ނޭވާލާން ކަމުދާނެ ޕާކެކެވެ. ބައި ބަޔަަށް ވަދެ، ކައިރިވެލައި ހޫނު ކޮފީއެއް، މީރު ޖޫހެއް ހިފައިގެން ނުކުމެގެން އެތިބަ ދަނީ އެވެ. އަދި ކައިރިވެލާފައި ބާގާއެއް ޝަވަރުމާއެއް ނަގައިގެން ޕާކުގެ ތެރޭގައި ކާން އެތިބެނީ ޖައްސާލައިގެނެވެ.

އަހަރެން ހުއްޓިލީމާ އެ މީހާ މިހެން ވެސް ބުންޏެވެ: "އެއްކަލަ ގޮނޑެއްހެން ބިދޭސީން ހާލި ހަދައިގެން އުޅުނު ތަނުގައި އެހުރީ އެއްކަލަ ފިހާރަ! ޖެހިގެން އެހުރީ ކޮފީއާ ސަޔާ ޖޫހަށް ހާއްސަ ތަނެއް، ދެން އެހުރީ ޝަވަރުމާ ގޮޅިއެއް... ކޮއުމިނިޓީ ޕާކެއްގެ ތެރެއިން އެއޮތީ އާ ހިޔާލެއް އުފަން ކޮށްފައި،"

އެއީ ކާކުކަން ނޭނގުނަސް، މިވީ ގޮތުން ވަދެ ބަލައި ނުލައި ދާން އުނދަގޫވީމާ މިވަނީ އެވެ؛ އޭނާ ބުނެދިން ފިހާރަފަތީގެ ފުރަތަމަ ފިހާރަ ފެށެނީ "އެއްކަލަ ފިހާރަ" އިންނެވެ. އެއީ ހަމަ ކަންމަތީ ފިހާރައެކެވެ. އަހަރެންގެ ހިތުލަފައަކީ އެއީ ފުޅަލަށް ފަސް ފޫޓު ދިގަށް 10 ފޫޓު ވެސް ހަމަ ނުވާނެ ގޮޅި އެކެވެ. އެކަމަކު ޓަކްޝޮޕަކުން ލިބޭނެ ހުރިހާ އެއްޗެއް އެ ގޮޅިން ލިބެ އެވެ.

ރަހަ މީރުކޮށް، ކުޅު ދިޔައިވާނެހެން ހެދި ބިލަތްގަނޑެއް ހަފާލަން ޖެހުނަސް، ދާ މަގުމަތީގައި ބޯލާނެ ޖޫސް ޕެކެޓެއް ހޯދާލަން ވިޔަސް މިހިރަ އެއްކަލަ ފިހާރަ އޯކޭ އެވެ. ހަމަ ވަރަށް ސަޅި އެވެ. އެއްކަލަ ފިހާރައަށް ވަދެވުނީމާ ގޮތެއް ހަދާލަން އެބަޖެހެ އެވެ. އެހެންވެ މިތަނުން ކަރަންފުލަކާއި ކާފޫރު ތޮޅިއެއް މި ހަފައިލަނީ އެވެ.

ޖެހިގެން މިހުރީ ސޯސޯ އެވެ. މިވެސް އެވަރު ޖާގައެކެވެ. މިތާނގައި މި އޮތް ކިޔޫއަށް ސޯސޯއިން ފޯރުކޮށް ދެމުން އެދަނީ އެކި އެކި ފާޑުފާޑުގެ ރަހަމީރު ބުއިންތަކެވެ. ސައި ކޮފީ ޖޫހުން ފެށިގެން ގޮސް މިހާރުގެ ފައްކާ މޮހީޓޯގެ ކޮކްޓެއިލް ފްލޭވާތަކުން ކަރުތެންމާލެވެން ހުރެ އެވެ.

އައިސް ލެމަންޓީއެއް ހިފައިން މިހަރަ ނުކުންނަނީ ދަންނަ މޫނެެއްހެން ހީވެ އެވެ. އޭނާ ބުނި ގޮތުގައި މިއީ ބައި ބޯވެފައިވާ މާލެއަށް އަދި މަގުތައް ހަނިކަމުން ސްޓްރީޓް ފުޑް ތައާރަފު ކުރަން އުނދަގޫ، ވެރިރަށަށް ކޮންމެހެން ބޭނުންވާ ފިހާރަ ފައްޗެކެވެ.

"މިކަލަ މީރު ބުއިންތައް ފަސް ރުފިޔާއިން ފެށިގެން 55ރ. އާ ދެމެދުގައި ބޯލެވޭ، އޮފީހަށް ދަމުން އަދި އަންނަމުން މި ޖޫސް ގަނެލައިގެން މިދަނީ،" އޭނާ ވެސް ނިތް އަރުވާލީ އަހަންނަށެވެ. އެ ބުނަނީ މިވާހަކަ ލިޔެބަލާށޭކަން އަހަންނަށް ރީއްޗަށް އެނގުނެވެ.

އެހެން މީހުން ބުނާ ގޮތުން ވެސް ސޯސޯއިން މީރުކޮށް ފަސް ރުފިޔާއަށް ވެސް ކޮފީއެއް ބޮއިލެވެ އެވެ. އަދި ވަރަށް އަގު ބޮޑުކޮށް އެހެން ދިމަ ދިމާއިން ލިބޭ މީރު މޮހިޓޯތައް ވެސް މިތަނުން ވަރަށް ހެޔޮ އަގެއްގައި ބޯލެވެ އެވެ. މިތަން ކިހާ ކޫލް ހެއްޔެވެ؟

މިތަނުން ކޮފީ އާއި ސަޔާއި ޖޫސް ހިފައިގެން މަގަށް ނުކުމެގެން އެތިބަ ދާ މީހުންގެ ތެރޭ ފުރާވަރުގެ ކުދިން ގިނަ އެވެ. އާއިލާތައް ވެސް މަދެއް ނޫނެވެ. އޭގެތެރެއިން ގިނަ ބަޔަކަށް މި ގޮޅިން ވިއްކާ "ބުލޫ ބެރީ ބޫސްޓާ" ވަރަށް ކަމުދެ އެވެ.

ސޯސޯގެ "ބުލޫބެރީ ބޫސްޓާ" އަކީ ވަރަށް ފައްކާ ބުއިމެކެވެ. އެއް ފަހަރު ބޮއިފިތަ، އަދި ބޯނަމޭ ބުނާ ވަރު ވާނެ އެވެ. އަހަރެންގެ ކަނާތް ފަރާތުން ޕާކުގެ ތެރޭގައި މިތިބަ ދެތިން ކުދީން އެ ތިބީ ބުލޫ ބެރީ ބޫސްޓާ ޖަހާލައިގެނެވެ. އޭގެ ވަހުން އަހަރެން މިހަރަ ދޮށީ މީހާ ވެސް ހޭލައްވާލައި ގައިގަ ވަރުޖައްސާލައިފި އެވެ. އަހަރެންގެ އަންހެނުންނާއި ކުދިވެރީން މާދަމާއަކު ރާއްޖެ އައުމުން މިހިސާބަށް އާދެވޭ ގޮތެއް ވެއްޖެ ނަމަ ބުލޫ ބެރީ ބޫސްޓާއެއް ޖަހާލާނަމެވެ.

އެންމެ ބިއްދޮށަށް ވާގޮތަށް މި ހުރީ "ޝަބްލޫޝް" އެވެ. މިއީ މި ފިހާރަފަތި ނިންމާ ގޮޅިއެވެ. އެކަމަކު މިވަގުތަށް އެންމެ ބާރު ބޮޑުކޮށް މިފެންނަނީ މި ގޮޅިއެވެ. ޝަބްލޫޝްއަކީ ޝަވަރުމާ އާއި ބާގާ، ސޭންޑްވިޗާއި އެފާޑުގެ ލުއި ކެއުންތައް ވިއްކާ ގޮޅިއެކެވެ. މި ގޮޅީގެ އެންމެ ހާއްސަ ކެއުމަކީ މިސްރުގެ ޝަވަރުމާ، ނުވަތަ އިޖިބުޝަން ސަވަރުމާ އެވެ.

"ވަރަށް މީރު ދޯ؟" ޝަވަރުމާ ކާން ތިބި ދެ ކުއްޖަކު އެކަކު އަނެކަކަށް ދޯ ދިނެވެ.

އެ ކުދީން ކަމުން ދިޔަ ޝަވަރުމާއާ ބެހޭ ގޮތުން ދެކެވުނު ވާހަކަ އާއި އެހެން ބައެއް މީހުން ޕާކް ތެރޭގައި ދެއްކި ވާހަކައިން އަހަރެންގެ އަނގައިގައި ލީ ރަހައަކީ ދިވެހިންގެ ރަހައަށް ފައްތާފައިވާ އެކަމަކު މިސްރުގެ ޝަވަރުމާގެ މީރު ރަހަ އެވެ. ރޯދި ކުރެއްވިއްޔާ ފެށޭ މަހު މުސާރަ ނައިގެން ރަހަ ބަލާން އަންނާނީ އެވެ.

މިތަނުން ފެންނަނީ ޒުވާން ދެ ތިން ކުއްޖެކެވެ. އެނގުނު ގޮތުން އެއީ އެއްބަނޑު އެއްބަފާ ތިންބެއިންނެވެ. އެއްކުއްޖަކު އެއްކަލަ ފިހާރަގަ އެވެ. އަނެއް ދެބެން ދެން ހުރި ދެ ގޮޅީގައި ބިޒީވެފަ އެވެ. ފެންނަ ފެނުމަށް އެ ތިންބެން މި ވިޔަފާރިއަށް ކޮށްފައި މިވަނީ ވަރަށް ކުޑަކުޑަ އިންވެސްޓްމެންޓެކެވެ. އެކަމަކު ކޮމިއުނިޓީ ހިދުމަތެއްގެ ތެރެއިން ވިޔަފާރިއެއްގެ ހިޔާލު ނެރެދީފައި ވެއެވެ.

މި ފިހާރަ ފައްޗާއި ޕާކުން ވަރަށް ބައިވަރު ވާހަކަ އެބަ ކިޔައިދެ އެވެ. އަޅައި ނުލައި ބިދޭސީންނަށް ދޫކޮށްލާފައި އޮތް ގޮނޑު ރީތިކޮށްލީ އެވެ. ފޮތެއް ކިޔާލަން ކޮފީއެއް ބޯލަން ވާހަކައެއް ދައްކާލަން ހިތް ފަސޭހަ ކޮށްލަން ކަމުދާ ތަނަކަށްވީ އެވެ. މީހުން ބިޒީވެފައިވާ ވެރިރަށުގެ ޖާގައަށް ފެތޭ ގޮތަށް ސްޓްރީޓް ފޫޑް ސްޓައިލްގައި އަދި ފެންވަރުގައި އަގު ހެޔޮކޮށް ތައާރަފުވީ އެވެ. ކުޑަ ހަރަދެއްކޮށްލައި ލުއި ގޮތަކަށް ވިޔަފާރިއެއް ކުރާނެ ހިޔާލެއް އުފަން ކޮށް ދިނުމާއެކު ޒުވާން އާ ކުދިންނަށް ހިތްވަރެއް ލައިދިނީ އެވެ. ވިޔަފާރިއެއް ކޮށްލަން ބޮޑު ތަނަކާއި ބައިވަރު ފައިސާ ބޭނުން ނުވާ މި ކޮންސެޕްޓް ކަށަވަރު ކޮށްދިނީ އެވެ.

ކުޑަކުޑަ މެނޫއެކެވެ. މީރު ރަހަތަކެވެ. ފަސޭހަ ހިދުމަތެކެވެ. ސަތޭކަ ރުފިޔާއިން ދަށުގައި މިރުކޮށް ކައިލެވޭ މި ފައްޗަށް މަހެއްހާ ދުވަސްވީއިރު މިއީ ހިތް ފަސޭހަ ހިތް ދަމައިގަންނަ މައިޒާންކަން ވެއްޖެކަން މިނތާނގެ ބޭރުގައި ހުރެ ބަލައިލުމުން އެނގެ އެވެ. ސްމޯކް ފްރީ، ތިމާވެއްޓާ ރައްޓެހި މިތާނގައި އެއްވެސް މީހަކު ބިންމައްޗަށް ކުނިކޮޅެއް ވައްޓާލާތަން ވެސް ނުފެނެ އެވެ.

އަހަރެން މިތަނުން ނުކުތް އިރުވެސް އެކަލަ ފިހާރައިގެ ކުރިމަތީގައި އެއްކަލަ މީހާ އެބުރެ އެވެ. އޭނާއަށް އަހަރެން އެނގުނު ފަދައިން އަހަންނަށް އޭނާ ދެން ފެނުނަސް އެއީ އެއްކަލަ ފިހާރަ ކައިރިން ފެނުނު މީހާކަން ވަރަށް ރަނގަޅަށް އެނގޭނެ އެވެ.