ހަބަރު

އީދަށް ފުރާ އުޅަނދުތައް ބަލައި ފާސްކުރަން ފަށައިފި

އީދަށް ރަށްރަށަށް ފުރާ އުޅަންދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އީދަކީ ގިނަ ބަޔަކު އެކި ރަށްރަށަށް ފުރަައިގެންދާ ދުވަސްވަރެކެވެ. ހާއްސަކޮށް އަޟްހާ އީދަކީ ބޮޑު ބަންދަކާއެކު އަންނަ އީދަކަށް ވުމުން މި ދުވަސްވަރު ކަނޑުދަތުރުކުރާ އުޅަންދުތައް ފުރި، ބާރު ބޮޑުވެ އެވެ.

އެމްއެންޑީއެފުން ބުނީ، ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފައްޓާފައިވަނީ ގިނަ ބަޔަކު އެއް ފަހަރާ ދަތުރުކުރަމުން ގެންދާނެތީ، ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި އުނޅަނދުތަކުގައި ގާއިމްވެފައި ހުންނަންޖެހޭ ސަލާމަތީ ކަންތައްތައް ފުރިހަމަވެފައި ހުރިތޯ ބެލުމަށެވެ.

ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފުން ފަށާފައިވީނަމަވެސް، ދަތުރުކުރާ އުޅަނދަކީ ރައްކާތެރި އުޅަނދެއްތޯ އަމިއްލަޔަށް ބަލައި ޔަގީންކުރަން އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. .