ހަބަރު

ފަސް ދުވަހުން ހައިކޯޓު ދެކުނު ގޮފީގެ 28 މައްސަލައެއް ނިންމައިފި

ހައިކޯޓުގެ ދެކުނު ގޮތްޕަށް ދަތުރުކުރެއްވި ޝަރުއީ ވަފުދުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޝަރުއީ ވަފުދަކުން ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާފައިވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ ހަވަނަ ދުވަހު ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުގެ މަތީންނެވެ.

ހައިކޯޓުގެ ދެކުނު ގޮތްޕަށް ދަތުރުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ، އަދި ފަނޑިޔާރު އަލީ ސަމީރުއެވެ.

ހައިކޯޓުން ބުނި ގޮތުގައި އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ދެކުނު ގޮތްޕަށް ޝަރުއީ ވަފުދުން ކުރެއްވި ދަތުރުފުޅުގައި ޓާގެޓް ކުރެވުނު މަސައްކަތް ފުރިހަމައަށް ނިންމާލެވުނެވެ. އެގޮތުން ފަސް ދުވަހުގެ ތެރޭގައި 28 މައްސަލަ ވަނީ ނިންމާފައެވެ.

ޝަރުއީ ވަފުދުން ނިންމާފައިވާ 28 މައްސަލައިގެ ތެރޭގައި ހިމެނެނީ މަދަނީ 11 މައްސަލައާއި، އާއިލީ ދެ މައްސަލައަކީ ޖިނާއީ ދެ މައްސަލައެކެވެ. މީގެއިތުރުން، ދައުވާކޮށްފައިވާ ފަރާތުން އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާތީ 13 މައްސަލައެއް ބާތިލުކޮށްފައިވެއެވެ.

ޝަރުއީ ވަފުދުން 28 މައްސަލައެއް ނިންމުމުގެ އިތުރުން، ހައިކޯޓުގެ ދެކުނު ގޮޕްތަށް ހުށަހެޅުމުގެ ހުއްދައަށް އެދިފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައަކާއި މެދު ގޮތް ނިންމާފައިވެއެވެ.

މީގެކުރިން ހައިކޯޓުގެ ދެކުނު ގޮފީގައި ތިން ފަނޑިޔާރުން ތިއްބަވައިގެން ޝަރީއަތްތައް ހިންގެވި އެވެ. ނަމަވެސް އޭގެ ސަބަބުން ހައިކޯޓުގައި ފަނޑިޔާރުން މަދުވެ، ޝަރީއަތްތައް ލަސްވެގެން ދިޔަ އެވެ. ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ގެންނެވީ ތިން މަސް ދުވަހަށެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ގޮފިތަކަށް ޝަރުއީ ވަފުދު ފޮނުވާ ގަރާރު ނެރެއްވާ އެ ފަނޑިޔާރުން ދާއިމަށް މާލެ ބަދަލު ކުރެއްވި އެވެ. އުތުރު ގޮފީގައި މިހާތަނަށް އެއްވެސް ޝަރީއަތެއް ނުހިންގަ އެވެ.