ހަބަރު

ގާޒީ އަހުމަދު ރަޝީދު ސިވިލްކޯޓަށް ބަދަލުކޮށްފި

ދާދި ފަހުން ސަސްޕެންޝަން އުވާލި ކުރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސިވިލްކޯޓަށް ބަދަލުކޮށްފިއެވެ.

ގާޒީ އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފައިވަނީ، އޭނާގެ އެދުމުގެ މަތިން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ބުނެފައެވެ.

ގާޒީ އަހުމަދު ރަޝީދު ސިިވިލް ކޯޓަށް ބަދަލުވެފައިވާއިރު، މިދިޔަ އަހަރުގެ އޮސްޓުމަހުގެ 23 ވަނަ ދުވަހު އޭނާ ސަސްޕެންޑް ކުރީ އޭނާއާ ބެހޭ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައި، އެމައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމާއެކުއެވެ.

އެހެން ނަމަވެސް އެ މައްސަލަ ސާބިތު ނުވާތީ އޭނާގެ ސަސްޕެންޝަން އުވިފައިވާކަމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެން އޭނާ އަލުން ވަޒީފާއަށް ކުރިމިނަލް ކޯޓަށް ނިކުންނަށް ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ގާޒީ އަހުމަދު ރަޝީދަކީ 2015 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ކްރިމިނަލް ކޯޓުގެ ގާޒީއެއް ގޮތުގައި ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ޖޭއެސްސީގެ މެންބަރުކަން ވެސް އަދާކޮށްފަ އެވެ.