ހަބަރު

ފަހު ކޯޓާގެ ހައްޖުވެރިންގެ ފުރުން ލަސްވެ ކަންބޮޑުވުން!

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަލަށް ހަމަޖެއްސި 1،000 ކޯޓާގެ ދަށުން، ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންދާ 400 އެއްހާ މީހުންގެ ފުރުން ލަސްވެ، މާލޭގައި ތާށިވެފައި ތިބެން ޖެހުމުން އެފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު 1000 މީހުން ހައްޖަށް ދެ އެވެ. ފުރަތަމަ ކޯޓާގެ 600 މީހުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު މައްކާއަށް ގޮސްފަ އެވެ. ބާކީ ތިބި 400 މީހުން އަދި ތިބީ މާލޭގަ އެވެ. އަންނަ ހޯމަ ދުވަހަކީ ހައްޖު ދުވަހަށް ވާއިރު، ވަގުތު ކުޑަތަންވެ، ފުރުން ލަސްވެ، ފްލައިޓް އޮންނަ ދުވަހެއް ނޭނގި ތިބެންޖެހުމުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހައްޖު ކޯޕަރޭޝަންގެ ފަހު ކޯޓާގެ ދަށުން ހައްޖަށް ދިއުމަށް މިމަހުގެ 12 ވަނަ ދުވަހު މާލެއަށް އައި މީހަކު "އަވަސް" އަށް ނަން ނުޖެހުމަށް އެދި ބުނީ، ފުރުން މިމަހުގެ 14 ވަނަ ދުވަހަށް ޝެޑިއުލްވެފައިވާކަމަށް ކުރިން ހައްޖު ކޯޕަރޭޝަނުން ގުޅާފައި ބުނި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެފަދަ އެއްވެސް މައުލޫމާތެއް އެ ކޯޕަރޭޝަންގެ ފަރާތުން ހިއްސާ ނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފްލައިޓް ހަމަޖެހުނު ކަމެއް ނޫން ކަމެއްވެސް ނޭނގެ. އެފަދަ އެއްވެސް މައުލޫމާތެއް ނާންގާ އަދި. އެކަމަކު މިއަދު ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށް ބުނީ. މިއަދު އެބައޮތް ކޯޕަރޭޝަންގެ ބައްދަލުވުމެއްވެސް،" އެމީހާ ބުންޏެވެ.

މިކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިދްރީސް އިސްމާއިލް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނަށް ދެވަނަ ކޯޓާ ލިބުނީ ވެސް ވަރަށް ފަހުން ކަމަށެވެ. އެހެން ނަމަވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ މީހުންނަށް އަރަފާތު ދުވަހުގެ މާކުރިން ފުރޭނެ ކަމަށާއި އެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ހައްޖާޖީންގެ ފުރުން ލަސްވީ ޖިއްދާ އެއާޕޯޓްގެ ބާރު ބޮޑުވެ، ސްލޮޓެއް ޔަގީން ނުވެގެން ކަމަށް އިދްރީސް ވިދާޅުވި އެވެ. ނަމަވެސް މިހާޜު ސްލޮޓެއް ލިބިފައިވާ ކަމަށް އަންގާފައިވާ ކަމަށާއި ނަމަވެސް ފުރާ ގަޑިއެއް މީޑިއާއަށް ހާމަކުރާނީ އިތުރަށް ކޮންޕާމް ކުރުމަށްފަހު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަހު ކޯޓާގައި ފުރަން ތައްޔާރަށް ތިބި 400 މީހުންނަށް ފުރާ ގަޑި މިއަދު އަންގާނެ ކަމަށެވެ.

"ސައުދީ އެއާލައިނުން އަލުގަނޑުމެންނަށް ވަނީ 100 ޕަސެންޓް ޔަގީންކަން ދީފައި އެއްވެސް ލަހެއް، ދައްޗެއް ނެތި ހައްޖުވެރިން ގެންގޮސްދޭނެ ކަމަށް. އަދި މިހާޜު އަޅުގަނޑުމެންނަށް މިވަނީ ވަގުތެއްވެސް ޝެޑިއުލްވެފައި. އެހެންނަމަވެސް އިތުރަށް ޔަގީންކުރުމަށްފަހު މިއަދު އެމީހުން ފުރާ ގަޑި ހާމަކުރާނަން،" އިދުރީސް ވިދާޅުވި އެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައޫދީން ވަނީ ރާއްޖެއަށް 2000 ކޯޓާ ދީފަ އެވެ. އެތަނުން 1000 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.