ހަބަރު

ފުއްދާނެ ގޮތް ނެތް، ހިޔާލީ ވައުދެއް ނުވަން: އިބޫ

ކ. ގުޅިން: ނާޒިމް ހަސަން
Aug 16, 2018
4

ފުއްދާނެ ގޮތްތައް ނެތް، ހިޔާލީ ވައުދުތައް ވެވަޑައިނުގަންނަވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ. ފުއްފ

އިބޫ މިހެން ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އިބޫ ވެވަޑައިގަންނަވާ ވައުދުތައް ފުއްދާނެ ގޮތްތައް ވެސް ބަޔާންކޮށް ދެއްވަންޖެހޭނެ ކަމަށް ބުނެ ފާޑުކިޔުން އަމާޒުކޮށްފައިވަނިކޮށެވެ.

ކ. ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާާޅުވީ، އޭނާ ވެވަޑައިގަންނަވާ ވައުދުތައް ފުއްދާނެ ގޮތްތަކާއި ފައިސާ ހޯދާނެ ގޮތްތައް މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އެއީ ހިޔާލީ ވައުދުތަކެއް ނޫން ކަމަށެވެ.

އެހެންނަމަވެސް ރައީސް އަބްދުﷲ ޔާމީން ކޮންމެ އިންތިހާބަކާ ދިމާކޮށް ރަށްރަށަށް ހިޔާލީ ވައުދުތައް ވެވަޑައިގަންނަވާ ކަމަށެވެ. ގުޅީގައި ނަރުދަމާގެ ނިޒާމް ގާއިމްކުރަން އިންތިހާބު ކައިރިވުމުން ބަޔަކާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ، އެއީ އަމަލީ ސިފައެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. އެއީ އިންތިހާބަށް ދައްކާ ދަޅައެއް ކަމަށާއި މުޅިން ހިޔާލީ ކަމެއް ކަމަށެވެ.

އިދިކޮޅު ޕާޓީތަކެއްގެ ސަރުކާރުގައި އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ރަށެއްގައި ނަރުދަމާ ގާއިމް ކުރައްވާނެ ކަމަށާއި ގުޅީގައި ވެސް އެކަން ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެކަން ކުރާނެ ގޮތްތައް މެނިފެސްޓޯގައިވާނެ ކަމަށެވެ.

އިބޫ ވަނީ ސަރުކާރުން ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ހަރަދުކުރާ ގޮތެއް ނޭނގޭތީ ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އިބޫ ވިދާޅުވީ، ސަރުކާރުން އެ ޓެކްސްއިން ލިބޭ ފައިސާ ބޭނުން ކުރަނީ އޭގެ މަގުސަދު ހާސިލްވާ ގޮތަކަށް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ސަރުކާރެއްގައި ގްރީން ޓެކްސްއިން ނަގާ ފައިސާގެ ބައެއް ގްރީން ފަންޑަކަށް ލައްވާނެ ކަމަށާއި އެ ފައިސާތައް ރަށްރަށުގެ ކައުންސިލަށް ވެސް ދެއްވާނެ ކަމަށެވެ. އެ ފައިސާއިން ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ހަރަދު ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

މީގެއިތުރުން ގުޅީގައި ވޯޓާ ސްޕޯޓްސް ކުރިއަރުވައި ގޯތި ނުލިބިފައިވާ މީހުންނަށް އެކަމުގައި ހައްލެއް ހޯދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ގުޅިއަކީ 900 މީހުންގެ ރަޖިސްޓްރީއެއް އޮންނަ ރަށެއް ނަމަވެސް 12،00 އެއްހާ މީހުން ރަށުގައި ދިރިއުޅެ އެވެ.