ހަބަރު

ތެލުގެ ޑިއުޓީ އެއްކޮށް ކަނޑާލައި ކަރަންޓް އަގުހެޔޮ ކުރާނަން: އިބޫ

ކ. ގުރައިދޫއިން: ނާޒިމް ހަސަން
Aug 16, 2018
8

ޕެޓްރޯލާއި ޑީސަލްއިން މިހާރު ނަގަމުންދާ 10 ޕަސެންޓްގެ ޑިއުޓީ ކަނޑާލައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ކ. ގުރައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓުގެ އަގު ބޮޑުވުން ކަމަށެވެ. ލިބޭ އާމްދަނީއެއްގެ ބޮޑު ބައެއް ހޭދަކުރަން ޖެހެނި ކަރަންޓަށް ކަމަށެވެ.

އެކަން ބަދަލުކޮށް ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެކަން ކުރައްވާނީ ރިނިއުބަލް އެނާޖީ އިތުރުކޮށްގެން ކަމަށެވެ. އެގޮތުން އިރުގެ އަވިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވި ނަމަވެސް ކަރަންޓުގެ އަގު ހެޔޮ ނުވާ ކަމަށެވެ. ތެލުގެ އަގު ހެޔޮކުރަން އެމްޑީޕީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރި ކަމަކީ ޑިއުޓީ ކަނޑާލުން ކަމަށާއި ނަމަވެސް މި ސަރުކާރުން މިހާރު ވެސް 10 ޕަސެންޓްގެ ޑިއުޓީ ޕެޓްރޯލާއި ޑީސަލްއިން ނަގަމުންދާ ކަމަށެވެ.

އެ ޑިއުޓީ އެއްކޮށް ކަނޑާލައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ޑިއުޓީ ކަނޑާލުމުން އޭގެ ފައިދާ މަސްވެރިންނާއި އެހެން ވެސް ތެލުގެ
ބޭނުން ކުރަންޖެހޭ ފަރާތްތަކަށް ލިބިގެންދާނެކަން އިބޫ ފާހަގަކުރެއްވި އެވެ.