ހަބަރު

ހުޅުމާލެ ރައްޔިތުންނާއެކު އިބޫ ބާބަކިޔުއަށް

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ބާބަކިޔުއެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

އިދިކޮޅަށް ތާއިދުކުރާ ހުޅުމާލޭގެ ޒުވާނުންތަކެއް އިސް ނަގައިގެން ކުރިއަށް ގެންދިޔަ ބާބަކިޔު އޮތީ ހުޅުމާލޭގެ ބާބަކިޔު އޭރިޔާގަ އެވެ. އެ ބާބަކިޔުގައި އިބޫއާއެކު ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކާއި މާލެއިން މީހުން ގޮސްގެން ވެސް ބައިވެރިވެފައިވެ އެވެ.

ޒުވާނުން އިސްނަގައިގެން ބޭއްވި މި ތަފާތު ކެމްޕެއިން ހަރަކާތުގައި އިބޫއަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އިބޫ ހުޅުމާލެ ވަޑައިގަތުމާއެކު ފެރީ ޓާމިނަލް ސަރަހައްދުން ވެސް ހޫނު މަރުހަބާއެއް ކީއިރު ބާބަކިޔު ސަރަހައްދުގައި ވެސް އިބޫއާ ގިނަ ބަޔަކު ސަލާމްކޮށް ފޮޓޯ ނަގާފައިވެ އެވެ.

ޒުވާނުން އިސްނަގައިގެން ބޭއްވި އެ ހަރަކާތުގައި ވަރަށް އުފަލާއެކު ބައިވެރިވެވަޑައިގަތުމަށްފަހު އިބޫ ވިދާޅުވީ، މިއީ ވަރަށް އުފާވެރި ރެއެއް ކަމަށެވެ. ހަރަކާތް އިންތިޒާމް ކުރުމުގައި ޒުވާނުންތަކެއް އިސްނެގުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ޒުވާނުން ކުރީ ސަފަށް ނުނުކުމެ ތިބީ ވަޒީފާގެ ބިރަށް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ ފަސް ނުޖެހި ކުރިއަށް ޒުވާނުން ނުކުތުމަށް ގޮވާލައްވާފަ އެވެ. އަދި އިތުރު ޒުވާނުން ވެސް ކުރިއަށް އޮތްތާ ކެމްޕެއިންނާ ގުޅޭނެ ކަމަށާއި އެއީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، މިއީ ޒުވާނުންގެ އުއްމީދުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.

މިރޭ ވަނީ ޒުވާނުންތަކެއް އެމްޑީޕީއާ ގުޅިފަ އެވެ. އެ ޒުވާނުންގެ ފޯމްތަކާ ހަވާލުވެވަޑައިގެެންނެވީ އިބޫ އެވެ.