ހަބަރު

އިބޫގެ އަނބިކަނބަލުން ސިޔާސީ މަސައްކަތެއް ނުކުރައްވާނެ

ވެރިކަމަށް ވަޑައިގެންނެވުނު ނަމަވެސް އަނބިކަނބަލުން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވިއިރު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ގެންދަވަނީ ވަރަށް ހަރަކާތްތެރިކޮށް ސިޔާސީ މަސައްކަތްތައް ކުރައްވަމުންނެވެ. ރައީސް ޔާމީނަށް ކެމްޕެއިން ކުރެއްވުމަށް ރަށްރަށަށް ވެސް ވަޑައިގަންނަވަ އެވެ. އެއީ ފާޑުކިޔުން ވެސް އަމާޒުވެފައިވާ ކަމެކެވެ.

އިބޫގެ ކެމްޕެއިން ވަރުގަދައަށް ކުރަމުންދާއިރު މިހާތަނަށް އެއްވެސް ކެމްޕެއިން ހަރަކާތަކުން ވެސް އަނބިކަނބަލުން ފަޒްނާ އަހުމަދު ފެނިވަޑައިގެންފައެއް ނުވެ އެވެ.

މީގެކުރިން ރައީސްކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދުގެ އަނބިކަނބަލުން ވެސް ސިޔާސީ މަސައްކަތް ކުރައްވާފައެއް ނުވެ އެވެ. އެ ބޭފުޅުން މަސައްކަތް ކުރެއްވީ އިޖުތިމާއީ ގޮތުންނެވެ.

ރާއްޖެޓީވީއިން ގެނެސްދޭ "އިބޫ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އޭނާގެ އަނބިކަނބަލުން ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށާއި އެކަމަކު އެއީ ތައުލީމީ ދާއިރާގެ ބޭފުޅަކަށްވާތީ އިޖުތިމާއީ ކަންކަމުގައި އުޅުއްވާނެ ކަމަށެވެ. ގައުމެއްގެ ވެރިއެއްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުން ސިޔާސީ މަސައްކަތް ކުރެއްވުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ގައުމެއްގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުން އެހެން ސިޔާސީ މަސައްކަތުގައި ނުކުމެ އުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ ދިރިއުޅުއްވާނެ ގެކޮޅާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އިބޫ ވިދާޅުވީ، ގާނޫނުގައި އޮންނަ ގޮތުން ރައިސުލްޖުމްހޫރިއްޔާއަށް ވަކި ތަނެއް ދިރިއުޅެން ދޭ ކަމަށާއި ދިރިއުޅުއްވާނީ އެ ގެއެއްގަ ކަމަށެވެ. ދައުލަތުގެ ބަޖެޓުން އަމިއްލަ ގެއަށް ހަރަދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ފަންޑިތަ ވެރިކަމާ ގުޅިގެން ރައީސުން ދިރިއުޅުއްވާ ގެ ބަދަލުކުރާ ވާހަކަ އަޑުއިވޭ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. ހުންނަވާނީ ގާނޫނުން ދައްކާ ތަނެއްގަ ކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާއަށް މިހާރު ކަނޑައަޅާފައިވާ މުސާރައަކީ އެކަށީގެންވާ މުސާރައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ މުސާރައިން އިބޫއަށް އުޅުއްވޭނެތޯ ސުވާލުކުރުމުން ވިދާޅުވީ، ކައިގެން މީހަކަށް ނުދަރާ އުޅެވެންޏާ ފުދޭ ކަމަށެވެ. ފައިސާ ހޯދަންޏާ ޖެހޭނީ އަބަދުވެސް ހޯދަން ކަމަަށާއި މިލިއަން ބިލިއަނުން ފައިސާ ޖަމާކުރާ މީހުންގެ މަގުސަދަކީ ކޮބައި ކަމެއް ނޭނގޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. ދިރިއުޅުމަށް މާގިނަ ފައިސާތަކެއް ބޭނުންވާ ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.