އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެ އެވެ. އެކަން އދ.ގެ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް މައިގްރޭޝަންއިން ދާދިދެންމެ ވަނީ ހާމަ ކޮށްފަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.
ގާނާއަށް އުފަން ކޯފީ އަނާން އަވަހާރަވީ ކޮން އާލާސްކަންފުޅެއްގައި ކަމެއް އަދި އެއްވެސް ރަސްމީ ފަރާތަކުން ހާމައެއް ނުކުރެ އެވެ. އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަވަހާރަވެފައިވަނީ ކުޑަ ދުވަސްކޮޅެއްގައި އަލާސްކަންފުޅާ އުޅުއްވުމަށްފަހު ކަމަށެވެ.
ކޯފީ އަނާން އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ.
ސުލްހަޔަށް މަސައްކަތް ކުރުމުގެ ދާއިރާއިން 2001 ވަނަ އަހަރު ނޯބަލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ކޯފީ އަނާން އަވަހާރަވިކަން އދ އިން ޔަގީންކޮށް ދެމުން އާންމު ކުރި ކުރު ބަޔާނެއްގައި ބުނީ، ގެއްލިގެން އެ ދިޔައީ ވަރަށް ވަރުގަދަ ސަހުސިއްޔަތެއް ކަމަށާއި އެއީ އދ ގެ މުޅި ޖަމާއަތަށް އަދި މުޅި ދުނިޔެއަށް ލިބިގެންދާނެ އުނިކަމެއް ކަމަށެވެ.
އދ.ގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމުން 10 އަހަރަށްފަހު ދުރަށް ވަޑައިގެންނެވުމަށްފަހު ވެސް ދުނިޔޭގައި ހަމަޖެހުން ގާއިމް ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އެގޮތުން ކޯފީ އަނާންގެ ފައުންޑޭޝަނެއް ހިންގަވާފައިވެ އެވެ. އަދި ނެލްސަން މަންޑޭލާ އުފެއްދެވި ގުރޫޕެއް ކަމަށްވާ 'ދަ އެލްޑާސް'ގެ ޗެއާގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ. އޭނާ ވަނީ، ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި އދ ގެ މަންދޫބެއްގެ ގޮތުގައި ވެސް މިފަހުން މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އޭނާއަކީ އދ.ގެ ސެކްރެޓްރީ ޖެނަރަލްކަން 1997 ވަނަ އަހަރުން 2006 ވަނަ އަހަރަށް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަގާމުގައި ހުންނަވާ އޭނާ ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ. ކޯފީ އަނާން ރާއްޖެ ވަޑައިގަތީ 2005 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އދ. ހަތްވަނަ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވަނީ އެކެއް ފެބުރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ވިދިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުުން ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވައި ބަޔާނެއް ވެސް ނެރުއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށްފަހު ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކަކީ ރާއްޖޭގެ މުއައްސަސާތަކަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން ދެއްވި ޑިމޮކްރަސީއާ ބީރައްޓެހި ހަމަލާއެއްގެ ގޮތުގައި އަނާންގެ ބަޔާނުގައި ސިފަ ކުރައްވާފައިވެ އެވެ.