ހަބަރު

އަހްލާގަށް ރައްކާތެރިވާން ހައްޖު ހުތުބާގައި ހަނދާންކޮށްދީފި

ނުބައި ޝިއާރުތަކާއި އަމަލުތަކުން ދުރުވެ އަހްލާގަށް ރައްކާތެރިވުމަށް މި އަހަރުގެ ހައްޖު ހުތުބާގައި އިސްލާމީ އުއްމަތަށް
ނަސޭހަތްތެރިވެއްޖެ އެވެ.

މަދީނާގެ ނަބަވީ މިސްކިތުގެ އިމާމް، ޝެއިހް ހުސެއިން ބިން އަބްދުލްއަޒީޒް އާލް އާލް ޝެއިހް މިއަދު އިއްވެވި ހައްޖު ހުތުބާގައި އަރަފާތު ބިމުގައި ރަސޫލާ ދެއްވި ހުތުބާގައި ފާހަގަ ކުރެއްވި ކަންކަން ވަނީ ހަނދާންކޮށް ދެއްވާފަ އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އަހްލާގަށް ރައްކާތެރިވުމުގެ މުހިންމު ކަމަށެވެ.

ހުތުބާގައި ބުނީ، އިސްލާމް ދީނަކީ އަހުލާގަށް ގޮވާލާ ދީނެއް ކަމަށާއި އޭގެން އެނގެނީ ދީނުގެ ފުރިހަމަކަން ކަމަށެވެ. އިސްލާމް ދީނަކީ ދުނިޔެ އާރާސްތުކުރުމަށާއި މުސްލިމުންގެ އުހުވަންތަކަމުގެ އުސޫލުތައް ދެމެހެއްޓުމަށް ގޮވާލާ ދީނެއް ކަމަށެވެ. އަނިޔާވެރިނުވުމަށާއި އަދާވަތްތެރިނުވުމަށް ވެސް ގޮވާލާ ކަމަށެވެ.

"އަޅުގަނޑުމެން މިއީ އެއް އުއްމަތެއް، ބައިބައިވުމެއް ނެތް އުއްމަތެއް، އެއް ނަބިއްޔަކަށް ތަބާވާ އުއްމަތެއް، އެއް ފޮތަކަށް ތަބާވަނީ، އެއް ގިބްލަކަށް ނަމާދު ކުރަނީ،" ހުތުބާގައި ބުނެފައިވެ އެވެ.

އިސްލާމީ ޝަރީއަތުގައި ވެސް އަހްލާގަށް ރައްކާތެރިވުމަށް ގޮވާލަން ފާހަގަ ކުރައްވަމުން ހުތުބާގައި ބުނީ، ރިވެތި ބަހުން ވާހަކަ ދެއްކުމަށާއި ރިވެތި ބަސް ބުނުމަށް މާތްﷲ ވަހީ ކުރައްވާފައިވާ ކަމަށެވެ.

ހުތުބާގައި ބުނީ، އަހުދުތަކަށް ވަފާތެރިވުމަށާއި މައިންބަފައިންނާއި ޔަތީމުންނަށާއި އަވަށްޓެރިންނާއި ތިމާގެމީހުންނަށް ކަމާހިތުމަށް އިސްލާމް ދީން ބާރު އަޅާ ކަމަށެވެ. އަދި އަންހެނުންނަށް ކަމާހިތުމަށާއި ދެމަފިރިންގެ ދެމެދު ރަނގަޅު ގުޅުމެއް ބޭއްވުމަށް ރަސޫލާ އެދިވަޑައިގެންފައިވާ ކަމަޑް ވެސް ހުތުބާގައި ބުންޏެވެ. އެއީ އަހްލާގުގެ މަތިވެރި ސިފަތަކެއް ކަމަށެވެ.

"މަތިވެރި ސިފަތަކުގެ މަތީގައި އިސްލާމް ދީން އައިސްފައިވަނީ، ބޭކާރު ވާހަކަތައް ނުދެއްކުމަށާއި ފުރައްސާރަ ނުކުރުމަށާއި ޖާސޫސް ނުކުރުމަށާއި ބޮޑާނުވުމަށާއި ބަޣާވަތް ކުރާ މީހުން ހެޔޮ މަގަށް ގެންދިޔުމަށް ގޮވާލަނީ، އަހްލާގްގެ މަތިވެރި ސިފަތައް އުނގެނުމަށް ރަސޫލާ އެދިވަޑައިގަންނަވަނީ،" ހުތުބާގައި ބުންޏެވެ.

އަހްލާގުގެ މުހިންމުކަން ފާހަގަކުރަމުން ހުތުބާގައި އިތުރަށް ބުނީ، ހިޔާނާތާއި މަކަރު ހެދުމުން ދުރުވާން ޖެހޭ ކަމަށާއި ފިތުނަ ފަސާދައާ ވެސް ދުރަށް ދާން ޖެހޭ ކަމަށެވެ. ވެރިންނަށް ކިޔަމަންވެ ހެޔޮކަންކަމަށް ދައުވަތު ދިނުމަށް ވެސް ހުތުބާގައި ގޮވާލާފައިވެ އެވެ.

މި ދުވަސްވަރަކީ ނުބައި ޝިއާރުތައް ހިފައިގެން މުޒާހަރާތައް ކުރުން ރަނގަޅު ދުވަސްވަރެއް ނޫން ކަމާއި އެފަދަ ކަންކަމުން ދުރުވުމަށް ގޮވާލާފައިވެ އެވެ. އެކަންކަމުން ދުރުވެ އަހްލާގަށް އަހަމިއްޔަތުކަން ދިނުމަށް މީޑިއާއަށް ވެސް ހުތުބާގައި ގޮވާލާފައިވެ އެވެ.