ހަބަރު

ކޮރަޕްޝަން ހާމަކުރާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ދޭނަން: އިބޫ

ސަރުކާރުގައި ހިނގާ ކޮރަޕްޝަންތައް ހާމަކުރާ މީހުންނަށް ރައްކާތެރިކަން ދިނުމަށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ވިސިލްބްލޯ ގާނޫނެއް ފާސްކުރައްވާނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑު އީދުގެ ތަހުނިޔާ އަރިސްކުރުމަށް މިއަދު އިބޫ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަނާއި މަގާމުގެ ނާޖައިޒު ބޭނުންކުރުން ހުއްޓާލުމުން ދައުލަތް މުއްސަނދި ވާނެ ކަމަށެވެ. އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެއްވާނެ ކަމަށެވެ.

"ކޮރަޕްޝަން ހުއްޓުވުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ސިޔާސަތު، ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ލިބެން އެބަޖެހޭ، ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިދޭ ވިސިލްބްލޯ ޕްރޮޓެކްޝަން އެކްޓް ގާނޫނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފާސްކުރާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހާމަކުރި ގާސިމް އަބުދުލްކަރީމް ނުހައްގުން އެތައް އަދަބުތަކެއް ދީފައިވާކަން ފާހަގަކުރައްވާފަ އެވެ. އިބޫ ވިދާޅުވީ، ގާސިމް ފަދަ ފަރާތްތަކަށް ގާނޫނުން ރައްކާތެރިކަން އޭނާގެ ސަރުކާރެއްގައި ދެއްވާނެ ކަމަށެވެ. އެކަމަށް ހާއްސަކޮށް ވިސިލްބްލޯވާޒް ހިމާޔަތް ކުރެވޭނެ ގާނޫނެއް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުއްދެން ޖެހޭނެ ކަމަށެވެ. ހަމަ އަގުގައި މަސައްކަތްތައް ކުރާނަމަ ކޮންމެ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމް އަދި ބަނދަރުތައް ހުންނާނީ ހެދިފަ ކަމަށް އިބޫ ވިދާޅުވި އެވެ.