ހަބަރު

މާލޭގައި ނެގި ޖޭޕީގެ ބޮޑު ދިދަ ފުލުހުން ގޮސް ބާލައިފި

މާލޭގެ ގެއެއްގެ މަތީގައި ނަގާފައި ހުރި ޖުމްހޫރީ ޕާޓީގެ ދިދައެއް ފުލުހުން ގޮސް ބާލައިފި އެވެ.

ޖޭޕީގެ ދިދަ ނަގާފައި ވަނީ މަޖީދީ މަގުގެ އުރީދޫ ހުންނަ ގޭގެ އެންމެ މަތީގަ އެވެ. ނަމަވެސް މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުން ގޮސް ވަނީ އެ އިމާރާތަށް އަރައި އެ ދިދަ ބާލައިފަ އެވެ.

ޖޭޕީގެ ސެކެޓަރީ ޖެނަރަލް އަހުމަދު ސަމީރު "އަވަސް"އަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބޮޑު ދިދަ ނެގުމަށް ފުލުހުން އެ އިމާރާތަށް ވަދެފައި ވަނީ އެއްވެސް ކޯޓު އަމުރަކާ ނުލާ ކަމަށާއި އެއީ ގާނޫނުތަކުގެ ބޭރުން ފުލުހުން ހިންގި އަމަލެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އިދިކޮޅު މައި އެއް ޕާޓީގެ ދިދަ ގޮސް ބޭލުމަކީ އިންތިހާބުގެ އިންސާފުވެރިކަމާއި މިނިވަންކަމާމެދު ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ސަމީރު ވިދާޅުވި އެވެ.

"ފުލުހުން އަދިވެސް އަމަލު ކުރަމުން ގެންދަވަނީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައިކޮށްފައި އޮންނަ އުސޫލުން، ގާނޫނާއި ހިލާފުވާ ފަދަ ގައިވައިދެއް ހޯމް މިނިސްޓްރީ އިން ހަދައިގެން އުޅުނަސް ފުލުހުންގެ އަމަލުތައް ބަހައްޓަން ޖެހޭނީ ރަނގަޅަށް، ރައީސް ޔާމީންއަށް ޖުމްހޫރީ ޕާޓީގެ ދިދަ އެގޮތަށް ޖަހާފައި ހުރުމުން އެކަން ހަޖަމް ނުވެގެން އުޅުއްވަނީ،" ސަމީރު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ގަވައިދެއްގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގައުމީ ދިދަ ނަގާފައި ހުންނަ ވަރަށް ވުރެ އުހުގައި އެހެން ދިދައެއް ނުނެގޭނެ އެވެ.

މީގެ ކުރިން ވެސް ބައެއް އެހެން ރަށްތަކުގައި ނެގި އެމްޑީޕީގެ ދިދަތަކެއް ވެސް ފުލުހުން ވަނީ އެތަށް ފަހަރެއްގެ މަތިން ނަގައިފަ އެވެ.