ހަބަރު

އީދުގެ ފެންކުޅިން އިބޫ ވެސް ސަލާމަތެއް ނުވި

ރ. އަތޮޅުގެ ކޮންމެ ރަށަކީ ވެސް އީދުގައި ފޯރި ނަގާ ރަށެކެވެ. ފެނާއި ކުލަ ޖެހުމަކީ ޒަމާނުންސުރެ އޮންނަ އާދައެކެވެ. މިއަދު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ ރ. އަތޮޅަށް ކެމްޕެއިން ދަތުރެއް ފައްޓަވާފަ އެވެ.

އީދު ފޯރި ނަގަމުންދާ ރ. އަތޮޅުގެ ހުޅުދުއްފާރަށް އިބޫ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. މަރުހަބާ ކިޔަން ބަނދަރު މަތީ ރައްޔިތުން ސަފު ހަދައިގެން ތިއްބެވެ. އުއްމީދުނުކޮށް ހުންނަވަނިކޮށް އީދުގެ ކުލަ އިބޫގެ ގަޔަށް ޖަހައިފި އެވެ. ރީނދޫ ކުލަ އިބޫގެ ކޯތާފަތުގައި ހަކާލީ ރީނދޫ ބުރުގަލުގައި އިބޫއަށް މަރުހަބާ ކިޔަން ނުކުމެ ހުރި އަންހެނެކެވެ.

ހުޅުދުއްފާރަށްފަހު އިބޫ ދެން ވަޑައިގެންނެވީ އަނގޮޅިތީމަށެވެ. އެ ރަށުން ވެސް އިބޫއަށް ކުލައިން މަރުހަބާ ކިޔެ އެވެ. އެކަމަކު އެންމެ ބޮޑު އީދު ކުލަ މަޖާ ފެނިގެން ދިޔައީ މެންދުރު ވަޑައިގެންނެވި ރަސްގެތީމުންނެވެ. އެ ރަށު އަންހެންވެރިން ވަނީ އިބޫގެ ގައިގާ އީދު ކުލަ ހާކާފަ އެވެ. އިބޫއާއެކު ވަޑައިގެން އެހެން ބޭފުޅުންގެ ގެޔަށް ވެސް ވަނީ ވަރަށް ކުލަ ޖަހާފަ އެވެ.

ރ. އަތޮޅުގެ ތިން ރަށަކަށް މިހާތަނަށް އިބޫ ވަޑައިގަންނަވާފައިވާއިރު މިއަދު އަދި އިތުރު ދެ ރަށަށް ވަޑައިގަންނަވާނެ އެވެ. އެއީ ވާދޫ އައި އަލިފުއްޓެވެ. އަލިފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ.

މާދަމާ އިބޫ ރ. އަތޮޅުގެ އުނގޫފާރު، އިނގުރައިދޫ، ފައިނު، ކިނޮޅަސް އަދި ދުވާފަރަށް ވަޑައިގަންނަވާނެ އެވެ. އޭގެ އަނެއް ދުވަހު މާކުރަތު، ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރީ އަދި މީދޫއަށް ވަޑައިގަންނަވާނެ އެވެ.

ރ. އަތޮޅުގެ ތިން ރަށުން ވެސް އިބޫއަށް އީދުގެ ކުލަ މަޖަލާ ކުރިމަތިލާން ޖެހުނުއިރު ދެން ހުރި ރަށްތަކުން ވެސް މިފަދަ މަންޒަރުތައް ފެންނާނެ ކަމަށް ބެލެވެ އެވެ.