ހަބަރު

ގޮންޖެހުންތަކާއި ބިރުވެރިކަމާއެކު ވެސް މަރުތަކުގެ ހަގީގަތް ހޯދާނަން: އިބޫ

ބިރުވެރިކަމާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ޑރ. އަފްރާޝީމް އަލީގެ އުފަން ރަށް، ރ. އުނގޫފާރަށް އިބޫ މިއަދު ވަޑައިގެން ޑރ. އަފްރާޝީމްގެ މަރަށް ހަ އަހަރުވެފައިވާއިރު ވެސް އެ މަރުގެ ހަގީގަތް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. ޅަ ޒުވާނެއްގެ ބޮލަށް އެކަން ޖަހައި މައްސަލަ އޮއްބާލާފައިވާ ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރަށްފަހު ބައްދަލުކުރީ އެންމެ ބިރުވެރި ނާމާން އަހަރުތައް ކަމަށާއި އޭގެ ފަހުން ގޮތް ނޭނގޭ 31 މަރެއް ރާއްޖޭގައި ހިނގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 23 ޒުވާނުން ހިމެނޭކަން އިބޫ ފާހަގަކުރެއްވި އެވެ.

"އެ މަރުތަކުގެ ހަގީގަތް ވަނީ ނުބެލި، އެކަމަކު އެއީ ކުރަންޖެހޭ ކަމެއް، އެކަން އަޅުގަނޑުމެން ކުރަންޖެހެނީ އެފަދަ ކަންކަން ދެން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ރާާއްޖެ ސަލާމަތް ކުރުމަށްޓަކައި، އެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި،" އިބޫ ވިދާޅުވި އެވެ.

"އެހެންވީމާ ހުރި ގޮންޖެހުންތަކާއެކު ވެސް ބިރުވެރިކަމާއެކު ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މަރުތަކުގެ ހަގީގަތް ހޯދާނަން،"

އިބޫ ވިދާޅުވީ، ޑރ. އަފްރާޝީމަކީ އޭނާގެ ވަރަށް ގާތް އަޚެއް ކަމަށެވެ. އޭނާއާ އެންމެ ފަހުން މަޖިލީހުގެ ތެރެއިން ބައްދަލުވި ދުވަހު އަފްރާޝީމް ހިއްސާ ކުރެއްވި ވާހަކައެއް މިއަދު ވަނީ އިބޫ ވިދާޅުވެފަ އެވެ.

"އަފްރާޝީމް ވިދާޅުވީ، އިބޫއޭ ސިޔާސީ ޕާޓީއެއްގަ އަޅުގަނޑު ހުންނަނަމަ ހުންނާނީ އެމްޑީޕީގައޭ، ނަމަވެސް ޕީޕީއެމްގަ ތިމަންނަ މިހުރީ ރައީސް މައުމޫނަށްޓަކައިއޭ، ރައީސް މައުމޫނަކީ ވަރަށް އިހްތިރާމް ކުރައްވާ ލޯބި ކުރައްވާ ބޭފުޅެއް ކަމަށޭ،" އިބޫ ވިދާޅުވި އެވެ.