ހަބަރު

މައުމޫން އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފި

Aug 24, 2018
5

ސިއްހީ ހާލުކޮޅު ގޯސްވެފައި ވަނިކޮށް އިއްޔެ ދޫނިދުއަށް ބަދަލުކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އަނެއްކާ އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.

މައުމޫން ދޫނިދުއަށް ގެންގޮސް، އެމަނިކުފާނާ މެދު ފުލުހުން އަމަލުކުރި ގޮތާ މެދު މައުމޫންގެ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވާފައިވާ އިރު، އެމަނިކުފާނުގެ އާއިލާގެ ފަރާތުން މިއަދު ބުނީ، ބަލިހާލަތު ގޯސްވެފައި ވަނިކޮށް މައުމޫން އެއް ރަށުން އަނެއް ރަށަށް ލޯންޗްގައި ގެންދިޔުމަކީ އެމަނިކުފާނަށް އަނިޔާދިނުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މިދިޔަ އީދު ދުވަހު އެމަނިކުފާނުގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން އިތުރު ފަރުވާޔަށް މާލެއިން މާފުއްޓަށް ވަނީ ޑޮކްޓަރުންގެ ޓީމެއް ގެންގޮސްފަ އެވެ.

މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، މާލެއިން މާފުށީ ޖަލަށް ޑޮކްޓަރުން ގެންދިޔައީ އެމަނިކުފާނު މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމަށް މާފުށީގެ ޑޮކްޓަރުން ލަފާދީފައި ވަނިކޮށް ކަމަށެވެ. އާއިލާއިން ބުނަނީ މިއަދު އަނެއްކާ މާފުށީ ޖަލަށް މައުމޫން ބަދަލު ކުރި އިރު އެމަނިކުފާނު ދަތުރުފަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.

މައުމޫންގެ ހާލުކޮޅާ ގުޅޭ ގޮތުން ކަރެކްޝަންސް އިން އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައެއް ނުވެ އެވެ. އެހެން ނަމަވެސް މައުމޫންގެ ވަކީލުން މިއަދު ބުނެފައި ވަނީ ދޫނިދުއަށް ގެންދިޔުމަށް ފަހު، މައުމޫން ފަރިއްކުޅުއްވަން ޑޮކްޓަރުން ދީފައިވާ ބޭސްތައް ވެސް ފުލުހުން އަތުލި ކަމަށެވެ. އަދި މިއަދު ހަވީރު 3:30 ގައި ވަކީލުންނާ ބައްދަލުކުރަން ދިން ފުރުސަތު ވެސް ފަހު ވަގުތު ވަނީ ކެންސަލްކޮށްފައި ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ހާމަކުރައްވައިފަ އެވެ.

މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، އެމަނިކުފާނަށް ވަނީ ވެއްޓިވަޑައިގަތުމުގެ އާލާސްކަންފުޅަކާ ކުރިމަތިވެފަ އެވެ. އެހެންވެ އެމަނިކުފާނު އެކަހެރިކޮށް ނުހުންނެވުމަށް ވެސް ޑޮކްޓަރުން މީގެކުރިން ލަފާ ދީފައިވެ އެވެ. އަދި އިސްތަށިފުޅަށް ބުރަނުވާނެ ގޮތަށް އުޅުއްވުމަށް ވެސް އެމަނިކުފާނަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. ސިއްހީ ހާލަތު އެހެން ހުރުމުގެ ސަބަބުން މައުމޫން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއިން އެކި ފަހަރު ކޯޓްގައިވެސް އަދި ސަރުކާރުގައިވެސް އެދިފައިވެ އެވެ. އެހެން ނަމަވެސް، ކޯޓުން ވަނީ މައުމޫނުގެ ބަންދަށް ލުޔެއް ނުދޭން ނިންމައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޖުލައި 13 ވަނަ ދުވަހު ހުކުމް ކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯން ދީފައި ނުވާތީ، ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެން އެވެ.

މައުމޫން ހައްޔަރުކުރީ ފެބުރުއަރީ އެެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައިވެ އެވެ. އެ ދައުވާގެ އަޑުއެހުންތައް ކޯޓްގައި ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފަ އެވެ. މައުމޫން ދާދި ފަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ބަލި ހާލުކޮޅު ހުރި ގޮތުން ދަތުރުފަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ ޝަރީއަތް ޣައިރު ހާޒިރުގައި ހިންގައި ދިނުމަށް ކޯޓްގައި އެދިވަޑައިގަންނަވާ ކަމަށެވެ.