އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ މަންމަ އާއި އާއިލާގެ ތިން ދައްތައެއްގެ ރީ ރަޖިސްޓްރޭޝަން ފޯމް ބާތިލްކޮށްފައިވާތީ އެ އާއިލާގެ ބޭފޫލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިބޫ މިއަދު އުނގޫރާފުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާގެ މަންމަ ރީ ރަޖިސްޓްރީ ކުރީ ސްރީލަންކާއަށް ކަމަށެވެ. އަދި އެއަށް ފަހު، މި މަހުގެ 15 ވަނަ ދުވަހު މަންމަ، ރަޖިސްޓްރީކުރެވުނު ކަމުގެ ޗިޓް ވެސް ދިން ކަމަށެވެ. އެކަމަކު މިހާރު އެކަން ބަދަލުކޮށް ފޯމް އޮތީ ބާތިލްވެފައި ކަމަށް އަންގާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ މައުލޫމާތު ސައްހަ ނުވާ ކަމަށް، 5،000 އަށްވުރެ ގިނަ މީހުންގެ ރީ ރަޖިސްޓްރީ ފޯމްތައް ބާތިލްކޮށް އަލުން ރީ ރަޖިސްޓްރީވާން އަންގާފަ އެވެ.
އިބޫގެ ދައްތައެއް ކަމަށްވާ އައިމިނަތު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންމަގެ އިތުރުން އިބޫގެ ތިން ބޮޑު ދައިތައެއްގެ ފޯމް ވެސް ބާތިލްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބޮޑުދައިތަ ހުރީ މިހާރު ހައްޖަށް ގޮހެވެ. އެހެންވެ އޭނާއަށް މާލޭގައި ވޯޓުލާން ރަޖިސްޓްރީވާން ފުރުސަތު ނުލިބޭނެކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެެ. އެހެން ނަމަވެސް އީސީ އިން ބުނެފައި ވަނީ، ހައްޖަށް ގޮސް ތިބި މީހުންނަށް ރީރަޖިސްޓްރީވާން އިތުރު މުއްދަތު ދޭނެ ކަމަށެވެ.
"މިއީ އިއްތިފާގެއް ކަމަށް ގަބޫލެއް ނުކުރަން، ކޮންމެ ކަމެއް ދިމާވިޔަސް އެމީހުން ވޯޓުލާ ދުވަހު އިބޫއަށް ވޯޓު ދޭނެ،" އައިމިނަތު ސޯލިހު ވިދާޅުވި އެވެ.
އިބޫ މިއަދު ވަނީ ފޯމްތައް ބާތިލްކުރި މައްސަލާގައި ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އިބޫ ވިދާޅުވީ ފޯމްތައް ބާތިލްކޮށް މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ރީ ރަޖިސްޓްރީ އަލުން ވާން އަންގާފައިވާއިރު އެކަން ވެސް އެ ޕާޓީގެ މެންބަރުން ކުރާނެ ކަމަށެވެ. އެ ޕާޓީ މިފަހަރު ތިބީ ކުރިމަތިކުރާ ހުރަސްތަކާ ހެދި ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިފަހަރު ބަލާނަން އެ ބޭފުޅުންނަށްތޯ އޮޅުވާލެވެނީ، ނޫނީ އަޅުގަނޑުމެންނަށްތޯ ކުރިއަށް ދެވެނީ، އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ވޯޓު އޮޅުވާލަން ކުރާނެ ކަންކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަންކަމަށް ތިއްބަވާނީ ސަމާލުވެ ކަމަށެވެ. އޮޅުވާލަން ކުރާ ކޮންމެ ކަމެއް ފެއިލްކޮށްލުމަށް ކެރިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.