ހަބަރު

ވޯޓު ކަރުދާސް ނުދައްކާ ގުނަން އުޅޭ ކަމުގެ ތުހުމަތު

އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ގުނާއިރު ވަކިވަކި ވޯޓު ކަރުދާސްތައް ނުދައްކާ ގުނަން އުޅޭ ކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ކުރައްވައިފި އެވެ.

ވޯޓު ގުނާއިރު ވަކިވަކި ވޯޓު ކަރުދާސްތައް މަރުކަޒުގައި ތިބޭ މޮނީޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ދައްކަ އެވެ. ނަމަވެސް މ. ދިއްގަރުގައި މިއަދު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގާނޫނު އަސާސީއާ މުޅިން ހިލާފަށް އިލެކްޝަން ކޮމިޝަނުން އަމަލުކުރަން އުޅޭ ކަމުގެ އަޑުތައް އިވެމުންދާ ކަމަށެވެ.

"މިސާލަކަށް ވޯޓު ގުނާއިރުގަ އެ ބުނަނީ ތިމަންނަމެން ބަރިބަރިއަށް ކަރުދާސްތައް އަޅާފަ އިއުލާނޭ ކުރާނީ، މައްސަލައެއް އުޅެންޏާއޭ ދެނޭ އެކަން ބަލާނީ، މިއީ އެކަން އޮންނަ ގޮތެއް ނޫން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ކޮންމެ ވޯޓު ކަރުދާހެއް ވަކިވަކިން ދައްކަން ޖެހޭނެ ކަމަށެވެ. އެކަންކަމަކީ ދޫކުރާނެ ކަންކަމެއް ނޫން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ވޯޓު ގުނަން މި ޖެހެނީ ރައްޔިތުން ކުރިމަތީގަ، ކޮންމެ ކަރުދާސް ކޮޅެއް ނަގާ ދައްކަން އެބަޖެހޭ، އެއީ މިހާތަނަށް އަމަލުކުރި ގޮތް ވެސްމެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އެފަދަ ކަންކަން ކުރަން އުޅުނު ނަމަވެސް އިދިކޮޅުގެ މަސައްކަތުން އެކަންކަން ފެއިލްކޮށްލައްވާނެ ކަމަށާއި ވޯޓު ގުނުމުގެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯއްދައްވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކުރާ މިނިވަން އިންސާފުވެރި އިންތިހާބެއް ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

މީގެ އިތުރަށް އިންތިހާބީ މަރުކަޒުގައި ޓެބްލެޓް ބޭނުން ކުރާ ގޮތާ މެދުވެސް ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.