ހަބަރު

ކުއްޖާގެ ވަނަވަރު ފުލުހުން އާންމުކޮށް، އާންމުންގެ އެހީއަށް އެދިއްޖެ

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި އަންހެން ކުދިންތަކެއްގެ ބުލީގެ ޝިކާރައަކަށްވީ އަންހެން ކުއްޖާގެ ވަނަވަރު ހާމަކޮށް އޭނާ ހޯދުމުގައި އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިރޭ ބުނީ އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އަނިޔާ ލިބުނު ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ހޯދަމުންދާ ކަމަށެވެ.



މައްސަލައާ ގުޅިގެން އެ ވީޑިއޯ އެނަލައިޒްކޮށް ކުއްޖާ ދެނެގަނެވި އެކުއްޖާގެ އާއިލާއާ ވާހަކަ ދެއްކުމުން، އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން އާއިލާގެ ފަރާތުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ނަމަވެސް ފުލުހުންނަށް ކުއްޖާ ގެއްލިގެން އެއްވެސް ފަރާތަކުން ރިޕޯޓްކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.



ފުލުހުން ބުނި ގޮތުގައި ހޯދަމުންދާ އަންހެން ކުއްޖަކީ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ހަސަން (15އ) އެވެ.



ނަޝްފާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ޑިއުޓީ ނަންބަރު 3000600 އަދި 9790163 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.