ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ކޮމެޑީ ފިލްމު "މާމުއި" ގެ ފުރަތަމަ ލަވަ އާންމުކޮށްފި އެވެ.
މި ފިލްމުގެ ކާސްޓުގައިވެސް ހިމެނޭ އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ) ގެ އަޑު އިވިގެންދާ މި ލަވައިގެ ނަމަކީ "އަރިގެން އައި އިރާއޭ" އެވެ. ސައުންޑް ކްލައުޑުން މިހާރު މި ލަވަ އަޑުއަހާލެވޭނެ އެވެ. މި ލަވައިގެ ބެކިން ވޯކަލްސް ކިޔާފައި ވަނީ އަޝްރާ އެވެ.
ލަވައިގެ މެލޮޑީއާއި ޅެން ތައްޔާރުކުރީ އަހްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. މިވެސް މި ފިލްމުން ފެނިގެންދާނެ މޫނެކެވެ. ލަވައިގެ މިއުޒިކް ހުސެން ތައުފީގު ތައްޔާރުކުރި އިރު، މިކްސިން އަދި މާސްޓަރިންގެ މަސައްކަތްކޮށްފައި ވަނީ މިޝްޓީ އެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ ކާސްޓުންގެ ރޯލުތަކުގެ ނަންތައްވެސް މިދިޔަ ހަފްތާގައި ވަނީ އާންމުކޮށްފަ އެވެ.
މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓުކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ތައްޔާރުކުރީ އައިޝަތު އާއި އަހްމަދު ތޮލާލް އެވެ. އަދި ސިނެމަޓޯގްރާފީގެ މަސައްކަތްކުރަނީ ޗިއްޕެއާއެކު އަހްމަދު ޝިނާން އެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ އަހަރު އޭޕްރީލް މަހު އެކެއްގަ އެވެ.