ރިޕޯޓް

ފިހިގަނޑާއި މޮޕު، ނައިޓް މާކެޓުގައި ދެ ގޮތެއް ނުވެ، 25 އަހަރު

ނައިޓް މާކެޓަށް ދާ ކޮންމެ މީހަކަށް ވެސް މިކަން އެނގޭނެ އެވެ. ދަންނާނެ އެވެ. އަހަރެމެން ދެ މީހުންނަކީ ނައިޓް މާކެޓުގެ އެންމެ ބާރުގަދަ "ދެބައިން" ނެވެ. ކޮންމެ އަހަރެއްގެ ނައިޓް މާކެޓުގައިވެސް އެންމެ ވިޔަފާރި ރަނގަޅު ދެ ބާވަތަކީ އަހަރެމެންނެވެ. އެއީ ކުނިކަހާ ފިހިގަނޑާއި، މޮޕު، ކުރާ މޮޕެވެ. މި އަހަރު ވެސް މިކަން އޮތީ ހަމަ މިގޮށެވެ. ނައިޓް މާކެޓު ބާއްވަމުން އަންނަތާ ޒަމާންތައް ވެގެން ދާއިރު، އަހަރެމެންގެ މަގުބޫލު ކަމަށް ފަނޑު ކަމެއް ނާދެ އެވެ.

"ފިހިގަނޑު ވިކޭ އަދަދަށް ބަދަލެއް ނާދެ. ކޮންމެ އަހަރަކު ވެސް އެންމެ ގިނައިން ވިކެނީ މި އަހަރު ވެސް ވަރަށް ގިނައިން ފިހިގަނޑު ވިކިފައިވޭ،" ނައިޓް މާކެޓުގައި ފިހިގަނޑާއި މޮޕު ވިއްކާ މޭޒަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނައިޓް މާކެޓުގެ ދިގު ތާރީހަށް ބަލާއިރު، ކޮންމެ މާކެޓަށް ދާ ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ ހޯދާ ދެ ބާވަތަކީ ފިހިގަނޑާއި މޮޕެވެ. މި އަހަރުވެސް މި ފިހިގަނޑާއި މޮޕުގެ ވިޔަފާރި ވަރަށް ރަނގަޅެވެ. ބައެއް މޭޒުތަކުން ކޮންމެ ރެއަކު 20 އަކަށް ފިހިގަނޑު ވިއްކިފައިވެ އެވެ. މިކަމުން ވެސް އެނގެނީ މިދެ ބާވަތައް އާއްމުންގެ ހިތުގައި އޮތް ހާއްސަ ކަމެވެ. މި ބާވަތްތަކުގެ ބޭނުން ބޮޑު ކަމެވެ.

"ރޯދައަށް ފިހިގަނޑު ގަންނަން ޖެހޭ. އެހެންވެ މިގަތީ. ކޮންމެ އަހަރަކުވެސް ފިހިގަނޑު ބަދަލު ކުރަނީ ނައިޓް މާކެޓުން،" ނައިޓް މާކެޓުން ފިހިގަނޑެއް ގަނެގެން ހުރި މީހަކާ ސުވާލުކޮށްލުމުން ދިން ޖަވާބަކީ މިއީ އެވެ.

ކޮންމެ އަހަރަކު ވެސް އެންމެ ހާއްސަ ދެ ބާވަތަކަށް ފިހިގަނޑާއި މޮޕު ވީނަމަވެސް މި ބާވަތްތަކުގެ އަގުތައް މި އަހަރު ވަނީ ބަދަލު ވެފަ އެވެ. އަގުތައް މިވަނީ މަތިވެފަ އެވެ. އެހެން އަހަރުތަކުގައި 25ރ. އަށް ފިހިގަނޑެއް ލިބުނު ނަމަވެސް މިހާރު އެއީ މާޒީ އެވެ. މި އަހަރު ފިހިގަނޑެއް ލިބެނީ 35ރ. އަށެވެ. މި ގޮތަށް ގޮސް 60ރ. އަށް ވުރެ މަތީ އަގުތަކުގައި ވިއްކާ "މޮޅު ފިހިގަނޑު" ވެސް ހުރެ އެވެ. އަދި މޮޕުގެ އަގުތައް ވެސް ފެށެނީ ހަމަ މި އަގުންނެވެ. މޮޕުގެ ތެރޭގައި 60ރ. އިން މަތީގެ މޮޕުތައް ވެސް އެބަ ހުއްޓެވެ.

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން 15 ދުވަހަށް ކުރިއަށް ގެންދާ މި މި އަހަރުގެ ނައިޓް މާކެޓުގައި 500 އަށް ވުރެ ގިނަ މޭޒު ހުރިއިރު، މި އަހަރު ގިނައިން ހުރީ އަންނައުނާއި ހާޑްވެއާގެ ބާވަތް ތަކެވެ. އަންނައުނު ވިއްކުމަށް "ބޮޑެތި ފިހާރަތައް" ނައިޓް މާކެޓުގައި ހަދާފައިވެ އެވެ. މި ބޮޑެތި މޭޒުތައް ފަރުމާކޮށްފައިވަނީ ފިހާރައަށް ދޫނުކުރާ ގޮތަށެވެ. ވިޔަފާރިކުރަން ދާ މީހުންނަށް ފަސޭހަވާނެ ގޮތަށް ފަންކާ ވެސް ވަނީ ބަހައްޓައިފަ އެވެ. 

އަންނައުނުގެ ވިޔަފާރިކުރާ ވިޔަފާރިވެރިން ބުނާ ގޮތުގައި މި އަހަރަކީ ވިޔަފާރި ތިޔާގި އަހަރެކެވެ.

"ވަރަށް ބޮޑަށް ރަނގަޅު. މައްސަލައަކީ ވިއްސާރަ ދުވަސް ތަކެއް އައުން. އެހެން ނޫންނަމަ. ރެކޯޑު އަހަރަކަށް ވާނެ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ގޮޅިތަކުން ބުނާ ގޮތުގައި މި އަހަރުގެ ނައިޓް މާކެޓުގައި ރެއެއްގެ މައްޗަށް އެވްރެޖުކޮށް 10،000ރ. އާ ކައިރިކުރާ ވަރަށް ވިޔަފާރި ވެފައިވެ އެވެ. 

"ކޮންމެ ރެއަކު ވެސް 10،000ރ. އާއި 12،000ރ. ވަރު ލިބުނު. ވިއްސާރަ ނޫންނަމަ 19،000ރ. ވަރު، ރެ އެއްޗެއްގެ މައްޗަށް ލިބުނިސް. މި އަހަރު ވަރަށް ހިތްހަމަ ޖެހޭ،" މޭޒަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކުޑަކުދިންގެ ހެދުން ގެނެސް ނައިޓް މާކެޓުގައި ވިއްކަމުން ގެންދާ، މުހައްމަދު ނަސީމް ބުނީ މާކެޓަށް ގެނައި ގިނަ އެއްޗެހި ހުސްވެފައިވާ ކަމަށެވެ.

" މީހަކު 25،000ރ. ގެ މުދާ ގެނައީ. ބެންކޮކަށް ގޮސް ސީދާ މާކެޓަށް. މިހާރު މުދާ ކޮޅު ގާތްގަނޑަކަށް ހުސް ވެއްޖެ. ހަރަދު ކަނޑާ މީހަކަށް މިހާރު ވެސް 40،000ރ. ގާތްކުރާ އަދަދަކަށް ލިބިއްޖެ. އެހެންވެ، އެއްވެސް ފިކުރެއް މިހާރަކު ނެތް. މިހުރި އެތިކޮޅު ނުވިކިއްޖެނަމަ ބަހާލާނީ،" ހަތަރު ރަހުމަތްތެރިން ވެގެން މާކެޓުގައި ބައިވެރިވެ ރަނގަޅު ނަފާއެއް ހޯދި، އީސާ ބުންޏެވެ.

ނައިޓް މާކެޓުގެ އަގުތައް ބޮޑުވުމަކީ ކޮންމެ އަހަރެއްގެ ޝަކުވާ އެކެވެ. ނަމަވެސް މި އަހަރު އަގުތައް ހުރީ ރަނގަޅު ވަރެއްގައި ކަމަށް މާކެޓަށް ދިޔަ ބައެއް މީހުން ބުންޏެވެ.

ނައިޓް މާކެޓަށް ވިޔަފާރިކުރަން ގޮސްހުރި މުހައްމަދު ރަޝީދު ބުނީ މި އަހަރުގެ އަގުތައް ބޮޑު ނޫން ކަމަށެވެ.

"އަގުތައް ބޮޑެއް ނޫން. ރަނގަޅު އެއްޗިހި ވެސް އެބަހުރި،" މުހައްމަދު ބުންޏެވެ.

ދަރިފުޅު ގޮވައިގެން ހުސެއިން ރަޝީދު ނައިޓް މާކެޓަށް ދިޔައީ ސޮނީ ސްޕޯޓް ސްޓޯލުން ޖޯޒީއެއް ގަންނާށެވެ. އޭނާ ބުނި ގޮތުގައި ޖޯޒީގެ އަގުތައް ރަނގަޅެވެ.

"ރަނގަޅު ޖޯޒީއެއް 100ރ. އަށް ލިބޭ. އަގުތައް ބޮޑެއް ނޫން. މި ނޫން އެހެން ރަނގަޅު އެއްޗެއް ނެތް،" ހުސެއިން ބުންޏެވެ.

ނައިޓް މާކެޓަށް ގޮސް ހުރި ފާތިހު ޝާކިރު ބުނީ މި އަހަރުގެ އަގުތައް ބޮޑު ނޫން ކަމަށެވެ.

"އަގު ބޮޑެއް ނޫން. ރަނގަޅު އެއްޗިހި މަދު. އެކަކު އަހަރެން ބޭނުންވާ އެތި މިތަނުން ލިބިއްޖެ،" ފާތިހު ބުންޏެވެ.

ކޮންމެ އަކަސް މި އަހަރުގެ ނައިޓް މާކެޓު މިމަހުގެ 13 ވަނަ ދުވަހު ނިމިގެން ދާއިރު، މި އަހަރު ވެސް އެންމެ "ވިދާ އެއްޗަކަށް" މިވީ ފިހިގަނޑާއި މޮޕެވެ. ވިޔަފާރިވެރިންނަށް ނަފާ ބޮޑު މި އަހަރުގެ ނައިޓް މާކެޓު ވެގެން މިދަނީ ފަހުގެ ތާރިހުގައި ބޭއްވި އެންމެ މަގުބޫލު އެއް ނައިޓް މާކެޓެވެ.