އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ތައުލީމީ ސިޔާސަތު މިއަދު ހާމަ ކުރައްވައިފި އެވެ.
އަވަށްޓެރި ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ ގޮތުން މިއަދު ލަންކާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އޭނާގެ ތައުލީމީ ސިޔާސަތުގެ ދަށުން ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ހިލޭ ކިޔެނޭ ގޮތް ހަދައިދެއްވާނެ ކަމަށެވެ.
ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އިންޓްރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފްކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ އޭގެ ދަށުން ހުރިހާ ދަރިވަރުންނަށް ފަސޭހައިން އެ ދަރިވަރަކު ބޭނުންވާ ގައުމުތަކުން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވީ، މިހާރު ވެސް ބޮޑެތި ލޯނުތައް ނަގައިގެން ދިވެހި ދަރިވަރުން އެކި ގައުމުތަކުގައި ތައުލީމް ހާސިލް ކުރަމުންދާ ކަމަށާއި އޭނާ ތައާރަފްކުރާ ލުއި ލޯނު ސްކީމް ތައާރަފްކުރުމާއެކު މިހާރު ކިޔަވާ ދަރިވަރުންނަށް ވެސް އޭގެ ތެރެއަށް ވަނުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ.
ތައުލީމީ ސިޔާސަތުގެ އިތުރުން ސިއްހީ ސިޔާސަތުގެ ކުޑަ މިންވަރެއް ވެސް މިއަދު އިބޫ ވިދާޅުވެ ދެއްވި އެވެ. އެގޮތުން ބޮޑެތި ބަލިތަކުގައި ފަންޑު ފޮށި ހިފައިގެން ސަލާން ޖެހުމުގެ ސަގާާފަތް ނައްތާލައްވާނެ ކަމަށް ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު އާސަންދައިގެ ހިދުމަތް ތައާރަފް ކުރެއްވީ ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ތައާރަފްކުރި ހުސްނުވާ އާސަންދަ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބެމުން ނުދާކަން އިބޫ ފާހަގަކުރެއްވި އެވެ. އެކަން އޭނާގެ ވެރިކަމެއްގައި ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން އަވަށްޓެރި ލަންކާ އާއި އިންޑިއާގައި އުޅޭ ދިވެހިންނަށް ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި އާސަންދަ އާއި އެންސްޕާގެ ހިދުމަތް ލިބިގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އިބޫ ވިދާޅުވި އެވެ.
ދެން އިބޫ އެންމެ ބޮޑަށް މިއަދު ފާހަގަ ކުރައްވާފައިވަނީ އޭނާގެ ހާރިޖީ ސިޔާސަތާ ގުޅޭ ކަންކަމެވެ. އިބޫ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ހާރިޖީ ސިޔާސަތުތައް ހުރި ގޮތުން އަވަށްޓެރި ގައުމުތަކުގައި ދިވެހިންނަށް އުޅެން އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެއީ ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާކަން އެނގޭ ކަމެއް ކަމަށެވެ.
އިބޫ ވިދާޅުވީ، މިހާރު ދުނިޔޭގައި އުޅެވޭނީ އެއް ބަޔަކު އަނެއް ބަޔެއްގެ އެހީ ހޯދައި، ބަރޯސާވެގެން ކަމަށާއި ނަމަވެސް މި ސަރުކާރުން ގައުމުތަކާ ގުޅުން ކަނޑައި ރާއްޖެ އެކަހެރިކުރަމުންދާ ކަމަށެވެ. މި ސަރުކާރުން ގުޅުން ކަނޑާލާފައިވާ ގަތަރާއި އީރާން އަދި ކޮމަންވެލްތްއާއެކު އަލުން ގުޅުން ގާއިމް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. ކޮމަންވެލްތްއާ އަލުން ގުޅުމުން އެ ޖަމިއްޔާއިން ލިބެމުން ދިޔަ ފުރުސަތުތައް އަލުން ލިބޭނެކަން ފާހަގަ ކުރެއްވި އެވެ.
އިންޑިއާ ކަނޑަކީ ދުނިޔޭގެ ސުލްހައަށް މުހިންމު ދައުރެއް އަދާކުރާ ތަނަކަށް ވާންޖެހޭނެ ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ވެސް ބައްޓަން ކުރަން ޖެހޭނީ އިންޑިއާގެ ކަނޑުގެ ސަލާމަތަށް ބިރު ބޮޑުނުވާ ގޮތަށް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އިންޑިއާ އާއި ލަންކާއާއެކު އޮތް ގުޅުން މިހާރަށްވުރެ ރަނގަޅު ކުރައްވާނެ ކަމަށާއި އޭރަށް އެ ދެ ގައުމުގައި އުޅޭ ދިވެހިންނަށް އެތައް ކަމެއް މިހާރަށްވުރެ ފަހިވެގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތް ޖަލްސާގައި އިބޫ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން ވަނީ އިންތިހާއަށް އިތުރުވެފަ ކަމަށެވެ. އެތައް ލޯނެއް ނަގައި ގައުމު ވަނީ ދަރުވާލާފަ ކަމަށެވެ. އުމްރާނީ ތަރައްގީ އާއި ސިއްހީ ދާއިރާއަށް ބޭނުންވާ ފައިސާ ނެތިގެން ދަނީ ދަރަނި ބޮޑުވަމުންދާތީ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، ދައުލަތަށް ފައިސާ ވަންނަ ކަމަށާއި ނަަމަވެސް ހިދުމަތްތައް ދަރާ ނުވިކި ފޯރުނުކޮށްދެވެނީ ހިޔާނާތާއި ފަސާދަ އިތުރުވެފައިވާތީ ކަމަަށެވެ.
އިބޫ ވަނީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ އެންމެ މުހިންމު ކަންކަން މިއަދު ވެސް ތަކުރާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަލުތަކުގައި ނުހައްގުން އަނިޔާ ލިބެމުންދާ މީހުންނާއި އެކި ސަބަބުތަކަށްޓަކައި ގައުމުތަކަށް އަމިއްލަ އަރުވާލެވިގެން ތިބި މީހުން މިނިވަންވެގެން ދާނެ ކަމަށެވެ. އެމީހުންނަށް އާއިލާ އާއި ރައްޓެހިންނާއެކު ތިބޭނެ ގޮތް އެ ދުވަހުން އެ ދުވަހަށް ހައްދަވައިދެއްވާނެ ކަމަށެވެ.
އެ ހުރިހާ ކަމެއް ވެސް ކުރެވޭނީ ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ފަހުން ކަމަށާއި އެހެންކަމުން އެ ދުވަހަށް ތައްޔާރުވެ ތިބުމަށް އިބޫ ގޮވާލެއްވި އެވެ. އިބޫ ވިދާޅުވީ، އޭނާ ރަށްރަށް ކުރައްވާ ދަތުރުތަކުން ފެންނަނީ އުއްމީދުގަ ތިބި ރައްޔިތުންތަކެއް ކަމަށާއި އެ މަންޒަރު މިއަދު ލަންކާއިން ވެސް ފެނިފައިވާ ކަމަށެވެ.
އިބޫ ވިދާޅުވީ، މި ވަގުތަކީ އެންމެން އެކުގައި ތިބެ ގައުމު ކޮޅަށްޖަހަންވީ ވަގުތު ކަމަށާއި އެކަމަށް ޕާޓީތަކުން ތިބީ އަތުގުޅާލަައިގެން ކަމަށެވެ. އިދިކޮޅު ކޯލިޝަނަކީ ރާއްޖޭގެ ހުރިހާ ޕާޓީއަކަށް ނިސްބަތްވާ މީހުން ވެސް ޝާމިލްވާ ކޯލިޝަނެއްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެއީ ރައްޔިތުންގެ ކޯލިޝަން ކަމަށެވެ.
އިންތިހާބު ކާމިޔާބު ވެސް ކުރާނީ ރައްޔިތުންގެ ކޯލިޝަނުން ކަމަށާއި އެ ނަތީޖާ ގަބޫލު ކުރައްވާ ރައީސް އަބްދުﷲ ޔާމީން ޖެހިވަޑައިގަންނަވަނީ ގެއަށް ވަޑައިގަންނަވަން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.