ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ސަރުކާރުން ރައްޔިތުންނަށް ކޮށްދިނުމަށް ކަނޑައަޅާފައިވާ ކަންތައްތައް އިއުލާންކުރުމަށް ޕީޕީއެމުން އަންނަ މަހުގެ ހަތް ވަނަ ދުވަހު ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، ސެޕްޓެމްބަރު ހަތްވަނަ ދުވަހު ބާއްވާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތައް ވަރަށް ތަފްސީލީ ގޮތެއްގައި ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ. އެހެންކަމުން އެ ޖަލްސާ ވެގެންދާނީ ޕީޕީއެމްށާއި ޕީޕީއެމަށް ތާއީދުކުރާ ފަރާތްތަކާއި އެނޫންވެސް ހުރިހާ ފަރާތްތަކަށް ވަރަށް މުހިއްމު ހާއްސަ ޖަލްސާއަކަށް ކަމަށް ނިހާން ވިދާޅުވި އެވެ.
ހަތް ވަނަ ދުވަހުގެ ރޭ ކާނިވަލުގައި ބާއްވާ މި ޖަލްސާއަށް ޕީޕީއެމްއާއި އަދި އިދިކޮޅަށް ތާއީދުކުރާ ފަރާތްތަކަށް ވެސް އެ ޕާޓީން މިއަދު ވަނީ ދައުވަތު ދީފަ އެވެ.
ރައީސް ޔާމީން ދެވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލައްވައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ކެމްޕޭންތައް ކުރައްވަމުން ގެންދަވާއިރު މިހާތަނަށް އައި އިރު އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭ ހާއްސަ މެނިފެސްޓޯއެއް އިއުލާންކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ރަށްތަކަށް ކުރައްވާ އެކި ކެމްޕޭން ދަތުރުފުޅުތަކުގައި ބާއްވާ ޖަލްސާ ތަކުގައި ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ކުރައްވާނެ ބައެއް ކަންކަން ހިއްސާކުރައްވަމުންނެވެ. އަދި ބޮޑެތި ވައުދުފުޅުތަކެއްވެސް ރައީސް ވަނީ ވެވަޑައިގެންފަ އެވެ.
އެހެންކަމުން 7 ވަނަ ދުވަހުގެ ޖަލްސާ އަކީ ވަރަށް ގިނަ ފަރާތްތަކުން އިންތިޒާރު ކުރާނެ ޖަލްސާއަކަށް ވާނެ އެވެ. ރައީސްގެ ގިނަ ވައުދުފުޅުތަކެއް އެރޭ އިއުލާންކުރައްވާނެ އެވެ.