ބްރިޖުން ހުޅުލެ އަށް އަންނަ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފެށި މަސައްކަތް ނިމުމަކާ ގާތް ވެއްޖެ އެވެ.
"ސިނަމާލެ" ބްރިޖު މާދަމާ ހުޅުވާއިރު، ބްރިޖުން ހުޅުލެ އަށް ދަތުރުކުރާ މީހުންގެ އުޅަނދު ފަހަރު ޕާކު ކުރުމަށްޓަކައި ހުޅުލޭގައި ވަނީ ހާއްސަ ސަރަހައްދެއް ހިއްކާފަ އެވެ. މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލްއާ ދިމާލުގައި ހެދި މި ސަރަހައްދުގައި ހުޅުލެ އަށް އަންނަ ޕްރައިވެޓް އުޅަނދު ފަހަރު ޕާކު ކުރެވޭނެ އެވެ. މި ސަރަހައްދުގައި އެއް ފަހަރާ 100 ކާރު ޕާކު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. މިހާރު ކުރަމުން ދަނީ މި ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތެވެ.
މީގެ އިތުރުން ބްރިޖުން ދަތުރުކުރާ މީހުން މަޑު ކުރުމަށް ހާއްސަކޮށް ހަދަމުންދާ ވަގުތީ ބަސް ސްޓޮޕްގެ މަސައްކަތް ވެސް ވަނީ ނިމިފަ އެވެ. އެއާޕޯޓުގައި ދެ ބަސް ހުއްޓި ހަދާނެ އެވެ. އެއް ބަސް ސްޓޮޕް ހަދާފައިވަނީ ކުރީގެ ބޮންޑެޑް ވެއާ ހައުސް ކައިރީގައެވެ. އަނެއް ބަސް ސްޓޮޕް ހަދާފައިވަނީ އިންޓަނޭޝަނަލް އެރަވައިވަލް ޓާމިނަލްއާ ދިމާލުގައި ހުންނަ އެއާޓެކްސީ ކައުންޓަރުތައް ފުރަހަގަށްވާ ގޮތަށް މައި މަގުގަ އެވެ. މީގެ އިތުރުން ބްރިޖުން ހުޅުމާލެ އަށް ދަތުރުކުރާ މީހުން ދަތުރު ކުރުމަށް ހާއްސަކޮށް ތާރު އަޅައިގެން ހަދާ މަގުގެ މަސައްކަތް ވެސް ގާތްގަނޑަކަށް ވަނީ ނިންމާފަ އެވެ.
ސިނަމާލެ ބްރިޖްގެ ވަނަވަރު
- ބްރިޖްގެ ވައްތަރު: ބޯޗް އާޗް
- ބޯކްގެ އަދަދު 6
- ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
- ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
- ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިނަކީ 75 ފޫޓް
- ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
- ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު
- ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
- ސައިކަލަށް ދެ ލޭން
- ބްރިޖުގެ ޖުމްލަ ދިގުމިނާކީ ދެ ކިލޯމީޓަރު
- ފުޅާމިނުގައި 20.3 މީޓަރު
- މަސައްކަތް ނިންމާނީ 30 މަސް ދުވަހުން
ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ. ބްރިޖު ނިންމައި މާދަމާރޭ ހުޅުވުމުގެ ރަސްމިއްޔާތު ކުލަ ގަދަކޮށް ފާހަގަ ކުރަން ދަނީ ތައްޔާރު ވަމުންނެވެ.