ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު އިއްޔެ ގއ. ކޮލަމާފުށީގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް މިވަގުތު ވަޑައިގަތުން ރައްކާތެރި ނުވާނެ ކަމަށް ފުލުހުން އެމަނިކުފާނަށް އަންގައިފި އެވެ.
މިއަދު މެންދުރުފަހު ފުލުހުންގެ އިދާރާގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން، އަހުމަދު ޝިފާން ވިދާޅުވީ، އިއްޔެ އެ ރަށުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން، އެ ރަށުގެ ސަލާމަތީ ކަންކަން އެކަމަށް ތަން ނުދޭ ކަމަށެވެ. އަދި އެހެން ކަމުން، އިދިކޮޅު ކެންޑިޑޭޓް މިވަގުތު އެ ރަށަށް ވަޑައިގަތުން ރައްކާތެރި ކަމަކަށް ނުވާނެތީ އެ ރަށަށް ދަތުރު ނުކުރުމަށް އިބޫގެ ކިބައިން ފުލުހުން އެދެފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ކޮލަމާފުށީގެ ހަމަނުޖެހުން ހިނގީ އިބޫގެ ދަތުރަށްޓަކައި އެމްޑީޕީ ސަޕޯޓަރުން ރަށު ތެރެ ޒީނަތްތެރި ކުރުމުގެ ތެރޭގައި ޕީޕީއެމްގެ ދިދަފަތިތަކަކާއި ބެނާތަކެއް ކަނޑާލި ކަމަށް ބުނެ އެވެ. އެކަމާ ގުޅިގެން ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި މާރާމާރީ ހިނގާ އެކި ވަރުގެ އަނިޔާ ވެސް ލިބުނެ އެވެ. އަދި ޕީޕީއެމްގެ ބައެއް ކެމްޕޭން ޖަގަހަތަކަށް ވެސް ގެއްލުން ދިން ކަމަށް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ކޮލަމާފުށިން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިހާތަނަށް ބުނެފައިވެ އެވެ.
އިބޫ ގއ. ގދ އަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނީ މާދަމާ އެވެ.