ހަބަރު

ބްރިޖު ހުޅުވުމުގެ ހަފުލާއަށް އިދިކޮޅު މެންބަރުންނަށް ދައުވަތު ދީފި

ހުޅުލެ އާއި މާލެ ގުޅުވައިދޭ ބްރިޖު، ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހުރިހާ މެންބަރުންނަށް ވެސް ދައުވަތު މިއަދު ދީފި އެވެ.

ރައީސް އަބްދުﷲ ޔާމީން ވަނީ ބްރިޖު ހުޅުވުމުގެ ތާރީހީ ހަފުލާއަށް އިދިކޮޅު ބޭފުޅުންނަށް ދައުވަތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ދައުވަތު އަރުވާފައިވާނެ ކަމަށާއި އެ ދައުވަތު އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ މަޖިލިސް މެންބަރުންނަށް ވެސް އެރުވި ކަމަށެވެ. އަދި މިރޭގެ ހަފުލާއިން އެ ބޭފުޅުން ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ދައުވަތު އަރުވާފައިވާ ބޭފުޅުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ފައިސަލް ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އިބޫ މިވަގުތު ހުންނެވީ ވެސް މާލޭގަ އެވެ.

ބްރިޖު ހުޅުވުމުގެ ގޮތުން މިރޭ ކުލަ ގަދަ ހަފުލާއެއް ބާއްވާއިރު ހަވާ އެރުވުމުގެ ވަރުގަދަ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. އަދި ބްރިޖު ހުޅުވުމުގެ އުފާ ހަތް ދުވަސް ވަންދެން ފާހަގަ ކުރަން ވަނީ ނިންމާފަ އެވެ. ބްރިޖު އާންމުކޮށް ހުޅުވާލަނީ އަންނަ މަަހުގެ ހަތްވަނަ ދުވަހު އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވަނީ ބްރިޖު ހުޅުވުމަކީ ގައުމީ ކަމެއްކަން ފާހަގަކުރައްވައި އެ އުފަލުގައި އެންމެން ބައިވެރިވުމަށް ގޮވާލައްވާފަ އެވެ.