އުތުރުގެ ށ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ސިއްރުފެންފުށި ރިސޯޓްގެ މޫދު އަޑީގައި ބުދުތަކެއް ބަހައްޓައިގެން ހެދި "މޫދު އަޑީގެ ގެލަރީ" ގައި ހިމެނޭ ބުދުތައް ކޯޓް އަމުރަކާއެކު ފުލުހުން ފޮނުވައިގެން ނަގަން ސަރުކާރުން ނިންމައިފި އެވެ.
ސިއްރު ފެންފުުއްޓަކީ ޖީބީއެޗް ރިސޯޓްސް މޯލްޑިވްސް އިން ތަރައްގީ ކުރި ރިސޯޓެކެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑުގެ އުފުލުން ދައްކުވައިދޭ ގޮތަށް އެ ރިސޯޓުން ހެދި ކަނޑުއަޑީގެ ގެލަރީގައި އިންސާނުންގެ ސޫރަ ފެންނަ ގޮތަށް ހަދާފައިވާ ބުދުތަކެއް ބެހެއްޓި މައްސަލަ ފެންމަތިވީ މިދިއަ ޖުލައި މަހު ކުރީކޮޅުގަ އެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްުޔާ އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އެންގެވުމަށް ޖުލައި 28 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ބުދުތައް ނަގަން ސިއްރު ފެންފުއްޓަަށް އަންގައި ސިޓީއެއް ފޮނުވައިފަ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އެ އެންގުމާ ގުޅިގެން މިހާތަނަށް ވެސް ސިއްރު ފެންފުށިން އަދިވެސް އެ ބުދުތައް ނަގާފައެއް ނުވެއެވެ. ނަމަވެސް "އަވަސް" އަށް ލިބިފައިވާ ޑޮކިއުމަންޓުތަކާއި ފޮޓޯތަކުން އެނގޭ ގޮތުން އެ ގެލަރީ ހެދި ކުންފުނިން ވަނީ އިންސާނުންގެ ސޫރަ ގެއްލޭ ގޮތަށް ބުދުތަކަށް ބަދަލުތަކެއް ގެންނަން ފަށާފަ އެވެ. އެވެ. އެގޮތުން ކުރިން އިންސާނެއްގެ ސޫރަ ފެންނަން ހުރި ހުރުމަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
އެކަމާ ގުޅިގެން އަވަސް އިން މިރޭ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބުދުތައް ނަގަން، އެ ރިސޯޓް ހިންގާ ކުންފުންޏަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެ ކުންފުނިން މިހާތަނަށް ބުނެފައި ވަނީ ކަނޑުއަޑީގައި ހުރި ސްޓީލް ސްޓްރަކްޗާ ބަރުވުމާއި އެކަމަށް ކުރަން ޖެހޭ އެހެން ވެސް ކަންކަމާ ހުރެ އަދި ނުނަގާ ކަމަށެވެ.
އެެ އޮފިޝަލު ވިދާޅުވީ އެ ކުންފުންޏަށް ދިން މުއްދަތު ފަހަނައަޅާ ގޮސްފައިވާ ކަމަށާއި އެހެންކަމުން ފުލުހުން މެދުވެރިކޮށް ކޯޓު އަމުރެއްގެ ދަށުން ބުދުތައް ނަގަން އެ ރިސޯޓަށް ދާން މިހާރު ނިންމާފައިވާ ކަމަށެވެ.
"ބުދުތައް ބެހެއްޓި މައްސަލާގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ޝަކުވާތަކެއް ލިބެމުންދޭ، އަޅުގަނޑުމެން އެ ނަގަން އެނގި ފަހުން ވެސް މިހާރު ވެސް ވަރަށް ދުވަސް ވެއްޖެ، އެހެންވެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެ ތަކެތި ނަގަން ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން،" އޮފިޝަލް ވިދާާޅުވި އެވެ.
ސިއްރު ފެންފުށީގައި އިންސާނުންގެ ސިފަ ރަމްޒުވާ ގޮތަށް އަޅުކަން ކުރާ ބުދު ބަހައްޓަން ސަރުކާރުން އެއްވެސް އިރެއްގައި ހުއްދައެއް ނުދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކުރިން ވަނީ ވިދާޅުވެފަ އެވެ.