ވިޔަފާރި

ދިވެހި ހަ ފޮޓޯގްރާފަރަކަށް ރަނުގެ ފުރުސަތެއް!

ރާއްޖެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެ ޕްރޮމޯޓް ކުރަން ދިވެހި ހަ ފޮޓޯގްރާފަރަކަށް ދިވެހި ސަރުކާރުން ފުރުސަތު ދީފި އެވެ.

ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރި އަށް ގެންދާ "ފޮޓޯގްރަފީ އެމްބެސެޑަރު" ޕްރޮގާމުގެ ދެވަނަ ބުރުގައި ހޮވުނު ޒުވާނުންނާއެކު، އެމްއެމްޕީއާރްސީގައި ބޭއްވި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކްޓިން އެމްޑީ ހާރިސް މުހައްމަދު ވިދާޅުވީ މިއީ ދިވެހި ފޮޓޯގްރަފަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

"ރައީސް ޔާމީންގެ ސިޔާސަތެއްގެ ދަށުން ޓޫރިޒަމް އިންޑަސްޓްރީގައި ހަމައެކަނި ދިވެހި ފޮޓޯގްރަފަރުންނަށް މަސައްކަތް ކުރެވޭނެ ގޮތަށް ހަމަޖެއްސީ. އެކަން ކާމިޔާބު ކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ 1،000 ފޮޓޯގްރަފަރުން ތަމްރީންކޮށްފަ. މި އުފެއްދި ފޮޓޯގްރަފަރުންނާއި ޒަމާނުށްސުރެ މަސައްކަތް ކުރާ ފޮޓޯގްރަފަރުންނަށް ފުރުސަތުދޭން މި ޕްރޮގްރާމް މި ހިންގަނީ،" ހާރިސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސިޔާސަތެއްގެ ދަށުން ޓޫރިޒަމް އިންޑަސްޓްރީގައި ހަމައެކަނި ދިވެހި ފޮޓޯގްރަފަރުންނަށް މަސައްކަތް ކުރެވޭނެ ގޮތަށް ހަމަޖެއްސީ. އެކަން ކާމިޔާބު ކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ 1،000 ފޮޓޯގްރަފަރުން ތަމްރީންކޮށްފަ
ހާރިސް މުހައްމަދު | އެކްޓިން އެމްޑީ

ފޮޓޯގްރަފީ އެމްބެސެޑަރު ޕްރޮގްރާމުގެ ދަށުން އަލަށް ހޮވި ހަ ފޮޓޯގްރަފަރުންނަކީ:

  • މުހައްމަދު އަޖްފާން ނާޖިހު
  • ޝަފްރާޒް ނައީމް
  • އަލީ މުހައްމަދު (އިލިއާޒް)
  • ޒިހާން އިބްރާހިމް
  • މުހައްމަދު މިއުވާން

އެމްއެމްޕީއާރުސީން މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރު އެވެ. މިގޮތުން "ފޮޓޯގްރަފީ އެމްބެސެޑަރު" ގެ ގޮތުގައި އެފަހަރު ނެގި ފަސް ފޮޓޯގްރަފަރުން ވަނީ ރާއްޖޭގެ ރީތި ފޮޓޯތަކެއް ނަގާފަ އެވެ. އަދި ދެ މައުޒަރެއްވެސް ބާއްވާފައިވެ އެވެ. މި ޕްރޮގްރާމަށް ހޮވޭ މީހުންނަށް އެއް އަހަރު ދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ރާއްޖެ ޕްރޮމޯޓް ކުރަން ބާއްވާ އެކި ފެއާތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިސް ވިދާޅުވީ ފޮޓޯގްރަފަރުންނަށް އެއް އަހަރު ދުވަހު މަސައްކަތް ކުރެވޭ ގޮތަށް ހަމަޖައްސަނީ ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"މިދިޔަ އަހަރު ވަރަށް ކާމިޔާބު ކަމާއެކު ނިންމީ. އިންޑަސްޓްރީގައި އެކި ދާއިރާ އަކުން ތަފާތު ހަ ދާއިރާއަކުން ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ،" ހާރިސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ފޮޓޯގްރަފަރެއް ކަމަށްވާ އަލީ މުހައްމަދު މިއަދު ވިދާޅުވީ ސަރުކާރުން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލާ ކަމަށެވެ. މިއީވެސް އެފަދަ މުހިންމު ފުރުސަތެއް ކަމަށް ދެކޭ ކަމަށެވެ.

"ޒުވާން ފޮޓޯގްރަފަރުންނަށް ލިބޭ ރަނުގެ ފުރުސަތުތަކެއް މިއީ. މިއީ ކޮންޓިނިއުސްކޮށް ގެންދާނަމަ ދިވެހިންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ލިބޭނެ. ރާއްޖެ ޕްރޮމޯޓް ކުރަން ދިވެހި ފޮޓޯގްރަފަރުން ބޭނުން ކުރުމަކީ ވަރަށް ރަނގަޅު ކަމެއް،" އަލީ ވިދާޅުވި އެވެ.