ހަބަރު

އެމްއެންޔޫއިން 700 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ!

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ތައުލީމް ހާސިލްކުރި 781 ދަރިވަރުންގެ ދަސްވެނިވުން ފާހަގަކޮށް ސެޓްފިކެޓް ދީފި އެވެ.

އެމްއެންޔޫގެ ދަސްވެނިވުން ރޭ ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް އިފްތިތާހުކޮށްދެއްވި ޗައިނާ މޯލްޑިވްސް ފްރައިންޑްޝިޕް ބްރިޖް މަތީގަ އެވެ. މި ތާރީހީ ގްރެޖުއޭޝަން ހަފްލާގައި އެމްއެންޔޫއިން ވަނީ އެ ޔުނިވަސިޓީގެ ސެޓްފިކްޓް ލެވެލް އިން ފެށިގެން މާސްޓާސް ޑިގްރީ ކޯސްތައް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުން ފާހަގަކޮށް، ބެޗްލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ ފުރިހަމަކުރި 300 އަށްވުރެ ގިނަ ދަރިވަރުންނަށް ސެޓްފިކެޓް ދީފަ އެވެ.

މީގެ އިތުރުންވެސް މަތީ ވަނަ ހޯދައިގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ހޯދި ފަސް ދަރިވަރަކަށް ވަނީ އެކަމުގެ ލިޔުންވެސް ދީފަ އެވެ.

  • ރައީސުލް ޖުމްހޫރިއްޔާގެ އެވޯޑު ހޯދި ފަސް ދަރިވަރުން
  • އަހުމަދު އަބްދުލްމަތީން
  • އާއިޝަތު ރަޝީދު
  • ފާތިމަތު އާޠިރާ
  • މުހައްމަދު ރިޔާޒް
  • އާމިނަތު ސަމްހާ އަބްދުއްރައްޒާގް

ރޭ ދަސްވެނިވި ދަރިވަރުންނާ މުހާތަބުކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ވަނީ އަގުހުރި ނަސޭހަތްތަކެއް ދެއްވާފަ އެވެ. އެކަމަނާ ވަނީ ތައުލީމުގެ ބޭނުން ހިފައިގެން ގައުމު ހެޔޮގޮތުގައި ބިނާކުރުމަށް ގޮވާލައްވާފަ އެވެ. އަދި ދިވެހި ގައުމު ދެކެ ލޯބިން ގައުމު ތަރައްގީ އާއި ތަހުޒީބުގެ މަގަށް ވާސިލްކުރުމަށް ހޯދި އިލްމުގެ ބޭނުންކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

"މި ދަސްވެނިވުމާއެކު އަޅުގަނޑުމެން އަރާމިތިބީ ދެންއޮތް ބޮޑު ދަތުރުފެށުމަށްޓަކައި ފާލަން މައްޗަށް. ހަޔާތުގެ ދެންއޮތް މުހިއްމު މަންޒިލަށް ވާސިލުވުމަށްޓަކައި އޮއެވަރުތަކާއި ރާޅުތައް ގިރާކޮށް ގެންގޮސްދޭނެ ބްރިޖުގެ މައްޗަށް. މި ދަތުރަށް ފަށާއިރު ތިމާގެ ހަޔާތުގެ މަގްސަދަކީ ކޮބައިކަން ސާފުވެފައި އޮންނަންވާނެ. ތައުލީމާއި ހުނަރާއި އަދި ހިކުމަތްތެރިކަން ލިބިގަތުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ހާލަތު މިހާރަށްވުރެ ރަނގަޅު ހެޔޮ ހާލަތަކަށް ބަދަލުކުރުން. އަޅުގަނޑުމެންގެ ދަތުރުގެ ދެންއޮތް މަންޒިލަކީ ހިތްހަމަޖެހުމާ އުފާވެރިކަން ގެނެސްދޭ މަންޒިލަކަށްހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.