ހަބަރު

އަންހެން ކުއްޖާއާ މާރާމާރީ ހިންގި ކުދިންގެ ބަންދަށް 15 ދުވަސް

Sep 3, 2018

ސޯޝަލް މީޑިއާގައި މިފަހުން އާންމުވި ވީޑިއޯއެއްގައި އަންހެން ކުދިންތަކެއް ވެގެން އަންހެން ކުއްޖަކަށް އަނިޔާކުރި، މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދެ އަންހެން ކުދިން ހައްޔަރުކޮށް އެކުދިންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފި އެވެ.

ފުލުހުން ބުނީ، ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ޖުވެނިއަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އެދެކުދިންގެ ބަންދަށް 15 ދުވަސް ޖަހާފައި ކަމަށެވެ.

ފުލުހުން ރޭ ބުނީ، އަންހެން ކުދިން ތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅައި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 18 އަހަރުގެ އަންހެން ކުއްޖަކާއި 17 އަހަރުގެ އަންހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް އެކުދީންގެ ނަންތައް ފުލުހުން ހާމަ ކޮށްފައެއް ނުވެ އެވެ.

އަންހެން ކުދިންތަކެއް ވެގެން ބުލީކޮށް އަނިޔާ ކޮށްފައިވަނީ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ހަސަން (15އ) އަށެވެ. އެކުއްޖާވަނީ މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ގެއްލިގެން ހޯދަންވެސް ފުލުހުން އިއުލާން ކޮށްފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް އަމިއްލައަށް ހާޒިރުވެފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ތިން އަންހެން ކުދިން ވެގެން އެއް އަންހެން ކުއްޖެއްގެ މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ ހަދާތަން ފެނެ އެވެ.