ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ އަތް ދަބަސް އެހެން ދެ މީހަކު ޖަހައިގަތް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ އަތުގައި އޮތް އަތް ދަބަހެއް ފަހަތުން ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ ފިރިހެނުން ޖަހައިގަންނަން މަސައްކަތް ކުރެ އެވެ. އެ ވަގުތު އަތް ދަބަސް އަތުލެވޭ ގޮތެއް ނުވި އެވެ.
އަންހެން މީހާގެ އަތުން އަތް ދަބަސް ޖަހައިގަނެގެން ދިޔައީ ސައިކަލުން އެއް ފިރިހެނަކު ފައިބައިގެން އައިސް އަންހެން މީހާ ސައިކަލާއެކު ކޮށްޕާލުމަށްފަހު އެވެ. އެ ވަގުތު އެ ސަރަހައްދު އެހެން މީހުން މަންޒަރު ބަލަން ތިއްބެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ތަހުގީގު މިހާރު ގޮސްފައިވާ ހިސާބުގެ މައުލޫމާތެއް ނުދެ އެވެ. މީހަކު ހައްޔަރުކުރި ކަމެއް ވެސް ސާފެއް ނޫނެވެ.
އެފަދަ ހާދިސާތަކުގެ ވީޑިއޯ ދައުރުކުރުމުގެ ބަދަލުގައި އެ މައުލޫމާތުތައް ވީއެންމެ އަވަހަކަށް ފުލުހުންނާ ހިއްސާކުރުމަށް އެދިފައިވެ އެވެ.