ރިޕޯޓް

ވަޅީގެ މޫސުމުގައި ވެސް ފުލުހުންނަށް މުހިންމުވީ ސިޔާސީ ކޯޅުން

މިދިޔަ ހަފްތާއެއްހާ ދުވަހުގައި ތެރޭގައި ނުރައްކާތެރި މާރަމާރީތަކާއި ވަޅީގެ ހަމަލާތައް ގިނަވެ މާލޭ މަގުތައް ބިރުވެރިކަމާއި ނާމާންކަމެެއްގެ ތެރެއަށް ގަންބާލި އެވެ. ރޯމާ ދުވާލު ފޭރުމާއި މީހުން ގަޔަށް ވަޅިހެރުމުގެ ދެތިން ހާދިސާއާ އެކު، ފެށިގެން އައި މިނާމާންކަމަށް ކިރިޔާވެސް ހަމަޖެހުމެެއް އައީ، ޒުވާނެެއް ގަތުލުކޮށްލައިގެން އެވެ. އެކަން ހުއްޓުވަން ފުލުހުން ފެށި އޮޕަރޭޝަންގެ ތެރެއިން އެ ގަތުލުގެ ތުހުމަތުވާ މީހަކުވެސް ދެނެގަނެވުނީ ދެތިން ދުވަސްފަހުން އެވެ. އެއަށް ފަހު ދެން ފެނުނީ އެއަށް ވުރެ، ބޮޑު ހައިރާންކަމެކެވެ. އެ ގަތުލުގެ ތުހުމަތަށް ފޮޓޯ އާންމު ކުރި ޒުވާނާ ފުލުހުންގެ އިދާރާއަށް ހާޒިރުވީ، އިއްޒަތުގައި އެއީ ފަހުރެއް ކަމަށް ދެކިގެން އެވެ. ފެންނަ މަންޒަރުން މާ ގިނަދުވަހެއް ނުވެ އޭނާ ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެ ޒުވާނުންނަށް އޮތީ އެވެ. މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރު ފުލުހުން ތިބީ ހަމަ އެއްވެސް އެެއްޗެއް ނުބުނެ އެވެ. ފުލުހުންގެ ކިބައިން ސީރިއަސްކަމެއް ކަންބޮޑުވުމެއް ނޫނީ ކަމެއް ހިނގައިގެން އުޅޭހެން ވެސް ހިއެއް ނުވެ އެވެ.

އެންމެން ވެސް އިންތިޒާރަކަށް ވެފައި އޮތީ، މި ހިނގި މާރާމާރީތަކުގެ ތަފްސީލުތަކާއި އެކަމުގައި ފުލުހުން އަޅަމުންދާ ފިޔަވަޅުތައް ހާމަކުރާނެ ވަގުތަކަށެވެ. މިއަދު ފުލުހުން ކުއްލިއަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން އެ ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމަށް ހީކުރެވުނެވެ. އެކަމަކު ފުލުހުން ޕްރެސްބޭއްވީ މުޅިން އެހެން މައްސަލަތަކެއްގަ އެވެ. ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރާ އެކު ފުލުހުން ސީރިއަސްވެފައި ތިބީ މުޅިން އެހެން ކަމަކާ އެވެ. ރައްޔިތުންގެ ހިތްތަކަށް ކުޑަ ނަމަވެސް، ފިނިކަމެއް ލިބޭނެ ފަދަ ވާހަކަތަކެއް ފުލުހުންގެ ކިބައިން މިއަދުވެސް ނީވުނެވެ. މާރާމާރީތަކުން ނާމާންވެފައިވާ މުޖުތަމައަށް، ދެވޭނެ ފަރުވާއެެއްގެ ވާހަކަ މިއަދު ނީވުނެވެ. ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ދެއްވި ސްޓޭޓްމަންޓްގައި އެ ވާހަކައިގެ ނަންވެސް ނުގަނެ އެވެ.

ސިލްސިލާ މާރަމާރީތަކާއި އެތައް ބަޔަކު "ކޮށާ އަޅަމުން" ދަނިކޮށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދެއްކެވީ ޝޭހު އިލްޔާސް މިފަހުން، ސިޔާސީ ޕޯޑިއަމްއެއްގައި ދެއްކެވި ވާހަކަތަކަށް ފުލުހުން ސީރިއަސްވާ މިންވަރެވެ. އަދި ދެވަނަ ވާހަކައަކަށް ވިދާޅުވީ، ނޯތް ކޮރެއާއަށް ތެޔޮ ވިއްކި މައްސަލަގަނޑުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ބައިވެރިވުމެެއް ނެތް ކަމަށެވެ. ދިހަ ވަރަކަށް މިނެޓުން އެވާހަކަތައް ވިދާޅުވުމަށް ފަހު ނޫސްވެރިންނަށް ޝުކުރު ދަންނަވަމުން ޝިފާން ޕްރެސް ނިންމާލައްވާފައި ވަޑައިގެންނެވީ އެވެ. މިއީ އާންމު ރައްޔިތުން ހިމާޔަތް ކުރުމަށް ﷲގަންދީ ހުވާކޮށްގެން ތިބި ފުލުހުންގެ މިއަދުގެ ޕްރެސް ކޮންފަރެންސްގެ ހުލާސާ އެވެ.

ތަފްސީލަށް ދެން ދަމާ ހިނގާށެވެ. އިލްޔާސްގެ މައްސަލަ ތަހުގީގު ކުރުމަށް ޕީޕީއެމް އިން ގޮވާލާފައި ވަނިކޮށް ޝިފާން މައިގަނޑު ގޮތެއްގައި މިއަދު ދެއްކެވީ ޑރ. އަފްރާޝިމްގެ މައްސަލާގައި ޝޭހް އިލްޔާސް ހުސެއިން ދެއްކެވި ވާހަކަތަކަކީ ސިޔާސީ ގޮތުން ދެއްކި ވާހަކައެއް ކަމަށެވެ. އަދި އެއީ މުއައްސަސާތަކުގެ އިތުބާރު ކަނޑުވާލުމުގެ ގޮތުން ދެއްކެވި ވާހަކައެއް ކަމަށް ޝިފާން ވިދާޅުވި އެވެ. އޭގެ އިތުރުން އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ޓޭންކަރެއް ކައިރިކޮށްގެން އުޅެނިކޮށް ފެނުނު މައްސަލާގައި ރައީސް ޔާމީންގެ އަތެއް ނުވާ ވާހަކަ ވެސް ޝިފާން ވަނީ ވިދާޅުވެފަ އެވެ. އޭނާ ސިފަކުރެއްވީ އެކަމާ ރައީސް ޔާމީންއާ ގުޅުވާނަމަ، އެއީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ.

ސުވާލަކީ ފުލުހުންނަށް މިފަދަ ދަނޑިވަޅުގައި މުހިންމުވީ ސިޔާސީ މިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަތަކަށް ރައްދުދިނުން ހެއްޔެވެ؟ ފުލުހުން އެ ދަރަޖައަށް ވެއްޓުނީ ހެއްޔެވެ؟ އިލްޔާސްއަކީ ޝޭހެއް ވިޔަސް، އެމަނިކުފާނު އެވާހަކަ ދެއްކެވީ ސިޔާސީ މަގުސަދުގައިކަން އެންމެންނަށް ވެސް އެނގެ އެވެ. އަދި، ތެޔޮ ބޯޓްގެ މައްސަލަ ރައީސް ޔާމީންއާ އެމްޑީޕީ އިން ގުޅުވަނީ ވޯޓް ބޯމަތީގައި އޮތީމައި ކަމަށް ރައްޔިތުންނަށް އެނގެ އެވެ. މިއީ ފުލުހުންގެ "ޕްރޮފެޝަނަލް މުއައްސަސާއިން" މއިތުރަށް ތަރުޖަމާ ކޮށްދޭން ޖެހޭ ކަންކަމެއް ވެސް ނޫނެވެ. އެކަމަށް ޖަވާބު ދޭން ރައީސްގެ ސްޕޯކްސްޕާސަން އާއި އެމަނިކުފާނުގެ ކެމްޕޭން ޓީމް ފުދޭނެ އެވެ. މިއީ ހަމަ ސިމްޕަލް ލޮޖިކެވެ.

ފަހަކަށް އައިސް ބޮޑެތި މައްސަލަތަކުގައި ފުލުހުން ނޫސްވެރިންގެ "އަނގަ ބަންދުކޮށްލަ" އެވެ. އެގޮތަށް މިއަދު ވެސް ސުވާލު ކުރުމުގެ ފުރުސަތެއް ނުދެ އެވެ. މާރާމާރީތަކާ ގުޅޭ ގޮތުން، ފުލުހުންގެ ކޮމެންޓެއް ހޯދަން ތަކުރާރުކޮށް ގުޅިއަސް، "ފަހުން ގުޅާލާނަމޭ" ނޫން ޖަވާބެއް ފުލުހުން ނުދެ އެވެ.

މަރާމާރީ އާއި ވަޅި ހެރުމުގެ މޫސުމެއްގައި ޖެހި ދާދި ފަހުން 18 އަހަރުގެ ޒުވާނަކު އެންމެ ސެކިއުރިޓީ ހައި ގްރީން ޒޯންގައި ގަތިލިއިރު، އެކަމުގެ ހުރިހާ މައުލޫމާތެއް ވެސް ހާމަކުރީ ބަޔާނަކުން، ޓްވީޓަކުން ނޫނީ ވައިބާ ގްރޫޕަކަަށް ފޮނުވާލާ މެސެޖަކުން އެވެ. ފުލުުހުން އެފަދަ މައްސަލަތައް ސީރިޔަސް ކަންކަމުގެ ގޮތެއްގައި ތަހުގީގު ކުރާ ކަމަށް ވެދާނެ އެވެ. ނަމަވެސް އާންމުންނާއި ނޫސްވެރިންގެ ލޮލަށް ފެންނަ މަންޒަރަކީ ފުލުހުންގެ ސީރިއަސްކަން އެހެން ދިމާލަކަށް ހުއްޓިފައިވާ ކަމެވެ. މިހުރިހާ ކަމެއް ހިނގައިގެން ދާއިރު އަމާޒުވާ ފާޑުކިޔުންތަކަށް ފުލުހުން ބުނަނީ، އެންމެ ވާހަކަ އެކެވެ. އެބޭފުޅުންގެ މުއައްސަސާގެ ބޮޑު ކަމާއި މުހިންމުކަމުން، "ސިޔާސީ ނަޒަރަކުން އެބޭފުޅުންނާ މެދު ނުބަލާ"ށެވެ.

ސުވާލު އުފެދޭ އަނެއް ކަމަކީ ފުލުހުންގެ ތޫނު "ކަންފަތުގައި އަޅައިގަތީ" ހަމައެކަނި އިލްޔާސްގެ ވާހަކަ ހެއްޔެވެ؟ ދާދި ފަހުން ޕީޕީއެމް އިން ބޭއްވި ރެލީއެއްގެ ތެރޭގައި މީހަކު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ކަރު ބުރި" ކޮށްލާނެ ކަމަށް ބުނެފަ އެވެ. މިކަން މައްސަލައަކަށް ވަނީ، ފިލައިގެން އުޅޭ ކުރީގެ ރައީސްއަކަށް އެކަން ރައްދުވީމައެއް ނޫނެވެ. އެއީ ސީދާ ގޮތެއްގައި މީހަކަށް މަރުގެ އިންޒާރު ދިނުމެވެ. މީހެއްގެ ފުރާނައަށް ނުރައްކާ ކުރަން ބަހެއް ބުނެލުމަކީ ވެސް ތަހުޒީބީ ގައުމުތަކުުގައި ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެވެ. އެކަހަލަ އިންޒާރުތައް ލިބުނު، ޔާމީން އާއި މިނިވަނުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަނީ ހިތި ގޮތަކަށް ނިމިގެން ގޮސްފަ އެވެ. އެކަންކަމުގެ އެންމެ ފުނަށް ނުދެވި ފުލުހުންނަށް ފާޑުކިޔުންތައް އެބަ އޮތެވެ.

ފުލުހުންގެ މިއަދުގެ ޕްރެސްކޮންފަރެންސާ އެކު، ވަޅި ޖަހަމުން ދުވާ ގްރޫޕްތަކަށް އެއީ ލިބޭ އިތުރު ބާރެއް ނޫން ހެއްޔެވެ؟ ވަޅި ޖަހާ މީހުންނާ ދެކޮޅަށް އެންމެ ކުޑަމިނުން ހަރުކަށި ބަހެެއް ވެސް ބުނެލަން ފުލުހުންގެ މުއައްސަސާއަށް ނުކެރުމަކީ މާރާމާރީތަކުން ނާމާންވެފައި އޮތް ވެށި އިތުރަށް ނާމާންކަމަށް ގެންދާނެ ކަމެއް ނޫން ހެއްޔެވެ؟ ފުލުހުން މިހާ ދަށު ދަރަޖައަކަށް ދިޔައީ ކީއްވެ ހެއްޔެވެ؟ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟ ގްރޫޕްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަން ނުކެރި ފަހަތުފަޔަށް ބުރަވުމުގައި ފުލުހުންގެ ވެރިންނަށް އޮތީ ފަހެ، ކޮން މަޖުބޫރެއް ހެއްޔެވެ؟