ހަބަރު

އަންނަ ހަފުތާގައި ޓެބްލެޓުން ކިޔަވައިދޭން ފަށާނެ: މިނިސްޓްރީ

ސްކޫލް ކިޔެވުން ޑިޖިޓަލައިޒްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފެށި ޓެބްލެޓް މަޝްރޫއުގެ ދަށުން ދަރިވަރުންނަށް ލިބޭ ޓެބްލެޓްތައް އަންނަ ހަފްތާ ނިމުމުގެ ކުރިން ދަރިވަރުންގެ އަތަށް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޓެބްލެޓް މަޝްރޫއު ތަންފީޒު ކުރުމަށް، ސްކޫލްތަކަށް ޓެބްލެޓް ބެހުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވަނީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމާ އެކު އެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް ބައެއް ސްކޫލްތަކަށް ޓެބްލެޓް ލިބިފައެއް ނުވެ އެވެ. އަދި ގިނަ ސްކޫލްތަކެއްގެ ކުދިންގެ އަތަށް ޓެބްލެޓް ހަވާލުވެސް ނުކުރެ އެވެ. އެކަމާ ގުޅިގެން ބައެއް ބެލެނިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ނަޒީރް މިއަދު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ކިޔަވާނީ ޓެބްލެޓް ބޭނުންކޮށްގެން ކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން އެ މަޝްރޫއުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށާއި މިނިސްޓްރީން ހަމަޖައްސާފައިވަނީ އަންނަ ހަފްތާގެ ދުވަހެއް ހަމަޖެއްސުމަށްފަހު ހުރިހާ ސްކޫލެއްގައި އެއްކޮށް ޓެބްލެޓް ބޭނުންކުރާ ދުވަހަކަށް އެދުވަސް ހަމަޖައްސައި އެ މަޝްރޫއު ރަސްމީކޮށް ފެށުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ ކުރިއަސް މިއޮތް ދުވަސްތަކުގައި ޓެބްލެޓް ނުދެވި ސްކޫލެއް ހުރެއްޖެ ނަމަ އެ ސްކޫލަކަށް ޓެބްލެޓް ފޯރުކޮށްދެވޭނެ. އަދި ރަސްމީކޮށް ޓެބްލެތް ބޭނުންކުރާ ދުވަސްވެސް ވަރަށް އަވަހަށް ހަމަޖައްސައި އިއުލާންކުރާނެ،" ޑރ ނަޒީރް ވިދާޅުވި އެވެ.

ސްކޫލްތަކުގައި ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ގަނެފައިވާއިރު، ޓެބްލެޓް ބޭނުންކުރާ ގްރޭޑްތައް ކަނޑައަޅާނީ އެ ސްކޫލަކުންނެވެ. އެހެންކަމުން ދަރިވަރުންނަށް އެ މައުލޫމާތުތައް ވެސް މި ހަފްތާގެ ތެރޭގައި ލިބިގެންދާނެ ކަމަށް ލަފާކުރެވެ އެވެ.

ޑރ ނަޒީރް ވިދާޅުވީ، ޓެބްލެޓް ބޭނުންކޮށްގެން ކިޔެވައިދިނުމަށް ސްކޫލްތައް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ދިރާގާ އެކު މިނިސްޓްރީން ކުރިއަށްގެންދިޔަ ވަކި ޕްރޮޖެކްޓެއް ގޮތަށް ސްކޫލްތަކުގައި އިންޓަނެޓް ނެޓްވޯކެއް އަޅައި ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަޝްރޫއުގެ ދަށުން ސްކޫލްތަކުގައި ގާއިމްކުރި ވައިފައި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މިހާރު 90 ޕަސެންޓަށް ވަނީ ނިންމާލެވިފަ،" ޑރ ނަޒީރް ވިދާޅުވި އެވެ.