ހަބަރު

ޗެކިން ހިދުމަތް މާލޭގައި ދޭން މޯލްޑިވިއަން ރެޑީ

މޯލްޑިވިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލް ތަކަށް ވެރިރަށް މާލޭގައި ތިބެ ޗެކިން ހިދުމަތް ފަށަން، ގައުމީ އެއާލައިން އިން ތައްޔާރު ވެއްޖެ އެވެ.

މާލެ/ ހުޅުމާލެ، ބަހުގެ ހިދުމަތް އާއްމުންނަށް މިރޭ ހުޅުވާލާއިރު މޯލްޑިވިއަން އިން "ސިޓީ ޗެކިން" ގެ ހިދުމަތް ދެނީ ސިނާއީ އަވަށުގައި ހަދާފައިވާ "ގްރޭޓާ މާލެ ބަސް ޓާމިނަލް" ގަ އެވެ. މި ހިދުމަތް ފެށުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ޑޮމެސްޓިކާއި އިންޓަނޭޝަނަލް ފްލައިޓްތަކަށް ހިދުމަތް ދޭން ހާއްސަ ކައުންޓަރެއް ގާއިމުކޮށްފަ އެވެ.

ސިޓީ ޗެކިންގެ ހިދުމަތާ ބެހޭ ގޮތުން "އަވަސް" އާ ވާހަކަފުޅު ދައްކަވަމުން ގައުމީ އެއާލައިންސްގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ހަމީދު މިއަދު ވިދާޅުވީ ބްރިޖު ބޭނުން ކުރަން ފެށުމާއެކު ސިޓީ ޗެކިން ވެސް ފެށިގެންދާނެ ކަމަށެވެ. އަދި މިއީ ހިދުމަތް ހޯދާ މީހުންނަށް ލިިބިގެންދާނެ އާ އަދި ފަސޭހަ ހިދުމަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހިދުމަތް ހުރިހާ މީހުންނަށް ވެސް ލިބޭނެ. މި ހިދުމަތް ވެގެން ދާނީ ބޮޑެތި އާއިލާ ތަކަށް ހާއްސަކޮށް ގިނަ މީހުން އެއްކޮށް ޓްރެވަލް ކުރާ ފަރާތްތަކަށް ފަސޭހަ ހިދުމަތަކަށް. ބައެއް ފަހަރު ލަޖެގް ހުންނާނެ ބްރިޖުން ވެސް އެއް ވެހިކަލްގައި ނުގެންދެވޭ ވަރަށް، ލަގެޖް އުފުލާ މީހުން އުޅޭނެ. އެ ފަދަ މީހުންނަށް މި ވާނީ ވަރަށް ފަސޭހަ ހިދުމަތަކަށް،" ނަޝާތު ވިދާޅުވި އެވެ.

ފްލައިޓުގެ 4 ގަޑިއިރު ކުރިން ކައުންޓަރު ހުޅުވާނެ!

އޭނާ ވިދާޅުވީ މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދޭ ހިދުމަތެއް ކަމަށާ، މި ހިދުމަތް ހޯދާ މީހުން ސަމާލުކަން ދޭންޖެހޭ އެއް ކަމަކީ ވަގުތު ކަމަށެވެ.

"ފްލައިޓްތައް ފުރުމުގެ ހަތަރު ގަޑިއިރު ކުރިން ސިޓީ ޗެކިން ކައުންޓަރުތައް ހުޅުވާނެ. ފްލައިޓުގެ 90 މިނެޓު ކުރިން ކައުންޓަރު ބަންދު ކުރާނެ. އިންޓަނޭޝަނަލް ފްލައިޓްތައް އެއާޕޯޓަށް ރިޕޯޓް ކުރަން ޖެހޭނެ 60 މިނެޓު ކުރިން. ޑޮމެސްޓިކް ޖެހޭ 45 މިނެޓު ކުރިން،" ނަޝާތު ވިދާޅުވި އެވެ.

ލަގެޖް ޓެކްކޮށް، ގެންދަން ހާއްސަ ވެހިކަލްއެއް

ނަޝާތު ވިދާޅުވީ އިންޓަނޭޝަނަލް އާއި ޑޮމެސްޓިކް ފްލައިޓުތަކުން ދަތުރުކުރާ މީހުންގެ ލަގެޖު ގެންގޮސްދޭން ހާއްސަ ދެ ވެހިކަލްއެއް މޯލްޑިވިއަން އިން ބޭނުން ކުރާނެ ކަމަށެވެ.

"މި ވަގުތު އެއް ކައުންޓަރު ހުންނާނެ. ނަމަވެސް ޑިމާންޑަށް ބަލައި ކައުންޓަރު ޖެހޭ ގޮތަށް މިތަން ހަދާފައިވަނީ،" ބަސް ޓާމިނަލްގައި ހުންނަވާ ނަޝާތު ވިދާޅުވި އެވެ.

އިތުރު ފީއެއް ނުނަގާނެ

ސިޓީ ޗެކިންގެ ހިދުމަތް މޯލްޑިވިއަންއިން ދޭނީ ހިލޭ އެވެ. މިއީ އިތުރު ފީއެއް ނަގާނެ ހިދުމަތެއް ނޫނެވެ.

ނަޝާތު ވިދާޅުވީ އެންމެ ސަމާލުކަން ދޭން ޖެހޭ ކަމަކީ ވަގުތުގެ ކުރިން އައިސް ޗެކިން ކޮށްލުމުން ފަސޭހަ ވެގެންދާނެ ކަމަށެވެ.

"އެހެން ނޫނީ ފްލައިޓު މިސްވުމުގެ ފުރުސަތު އޮންނާނެ. އެހެންވެ އެންމެ ސަމާލުވާން ޖެހޭ ކަމަކީ މިއީ. ވަގުތު އޮއްވައި އައީމަ އެއްޗެއް ކާލައި ހަދައިގެން އަމިއްލަ އަށް ނޫނީ ބަހުގައިވެސް ދެވޭނެ."

މޯލްޑިވިއަން އިން ދަނީ ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލްތަކެއްގެ އިތުރުން ތައިލެންޑާއި ޗައިނާ އަދި ބަންގްލަދޭޝް ފަދަ މަންޒިލްތަކަށްވެސް ދަތުުރު ކުރަމުންނެވެ.