ހަބަރު

ރައީސް ލާމު އަތޮޅަށް؛ ވަރުގަދަ ފޯރިއެއް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހެނދުނު ލ. އަތޮޅަށް ވަޑައިގެންނެވުމާއެކު އާދަޔާ ހިލާފު ފޯރިއެއްގައި އެމަނިކުފާނަށް މަރުހަބާ ކިޔައިފި އެވެ.

ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމުގެ ގޮތުން މިއަދު އެ އަތޮޅުގެ އެއާޕޯޓް އޮންނަ ކައްދޫއަށް ރައީސް ވަޑައިގެންނެވިއިރު މަރުހަބާ ދެންނެވުމަށް އެކި ރަށްރަށުން ގިނަ ބަޔަކު ޖަމާވި އެވެ. އެމީހުން ދިޔައީ ޅެން ބައިތުތަކުން ރައީސްއަށް މަރުހަބާ ކިޔައި ވަރަށް ފޯރި ނަގަމުންނެވެ.

"ރައީސް ޔާމީން 2018 ޔަގީން"އޭ ގޮވަމުން މުޅި ސަރަހައްދު އޮތީ އެއް އަޑަކުން ގުގުމާލާފަ އެވެ. އެ އެންމެންނާ ސަލާމް ކުރައްވައި ރައީސްއަށް ނިންމަވާލެއްވުނީ އެތައް އިރަކުންނެވެ.

ފިޔާތޮށި ކުލައިން ޒީނަތްތެރިވެގެން ތިބި މީހުންގެ ފަރާތުން އަދާޔާ ހިލާފު ފޯރިއެއް މިއަދު ފެނިގެން ދިޔައިރު އެ އަތޮޅުގެ ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވާ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވީ، ރައީސް ޔާމީނަށް އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބިގެން ދާނީ ލ. އަތޮޅުން ކަމަށެވެ.

ލ. އަތޮޅަކީ ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ އަތޮޅެކެވެ. އެގޮތުން ޒަމާނީ ފެންވަރަކަށް އެ އަތޮޅުގައި ހަދާފައިވާ މަގަކީ ފާހަގަކޮށްލެވޭ މަޝްރޫއުއެކެވެ.