ހަބަރު

ދިވެހިންގެ ދަތުރުފަތުރަށް އެންމެ ބޮޑު ބަދަލު އިއްޔެ!

އިއްޔެއަކީ މާލެ ސިޓީގެ ރައްޔިތުންނަށް މިފަހުން އައި އެންމެ ބޮޑު ބަދަލާ ބައްދަލުވި ދުވަހެވެ. އެމީހުންގެ ދަތުރަށް ބޮޑު އިންގިލާބެއް ގެނުވި ދުވަހެވެ. ކަނޑު މަގުން ކުރި ދަތުރު އެއް ގަމަށް ބަދަލުކޮށްލައި، ދަތުރު ކުރުކޮށްލި ދުވަހެވެ. މާލެ، ހުޅުލެ އަދި ހުޅުމާލެއާ ގުޅުވައިދޭ ބްރިޖު، ސިނަމާލެ ބްރިޖު އާންމުކޮށް ހުޅުވާލުންވީ އެތައް ބަޔަކަށް ގިނަ ފަސޭހަތަކެއްވެގެން ދިޔަ ކަމަކަށެވެ.

"ހުޅުމާލޭގަ ހުރެފަ މި އައީ މެރީބްރައުންނަށް ހަމަ، މީތި ސަޅިއޭ، 10 ވަރަކަށް މިނެޓް މި ނެގީ،" ސައިކަލެއްގެ މަތީ ހެވިފައި އިން ޒުވާނަކު އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.

ހުކުރު އަދި ހޮނިހިރު ދުވަހު މީހުން ހިތްފަސޭހަ ކޮށްލުމުން މާލެއިން ބޭރުވެލުމަށް ހުޅުމާލެއަށް އާއިލާ ގޮވައިގެން ވަރަށް ގިނަ އަދަދުން ދާ ދުވަހެކެވެ. ބިދޭސީން ވެސް ލިބޭ ހަމައެކަނި ހުސް ދުވަހު ޖަމާ ވަނީ ހުޅުމާލެއަށެވެ. މީގެ ސަބަބުން ހުޅުމާލެ ފެރީ ޓާމިނަލް ވަރަށް ބޮޑަށް ފުރި ބާރުވެ އެވެ. ވަރަށް ކުރިޔާލާ ގޮސްގެން ނޫނީ އިރުއޮއްސުމުގެ ކުރިން ހުޅުމާލެ ފޯރާވަރެއް ނުވެ އެވެ. ސައިކަލް ހިފައިގެން ދާނަމަ އަދި އެވާ އިރުތަކަކީ ކެތްތެރިކަން ކުޑަ މީހަކަށް ވަރަށް އުނދަގޫވާހާ އިރުތަކެވެ.

ބިދޭސީންނާއި ދިވެހިންނަށް ވަކި ކިޔުތައް ހަދައި، ފެރީތައް ކިތަންމެ ވަރަކަށް އިތުރު ކުރި ނަމަވެސް އެއީ ހައްލެއް ނުލިބި އޮތް ކަމެކެވެ. އެކަމަކު އިއްޔެ ހުޅުމާލެ ފެރީ ޓާމިނަލާ ދިމާލަށް ނަޒަރެއް އެއްލީ ކާކު ހެއްޔެވެ؟ އާންމުކޮށް ފެރީ ޓާމިނަލް ފުރޭ ގަޑީގައި ގޮނޑިތައް ހުރީ ހުސްކޮށްކަން ފާހަގަވީ ކާކަށް ހެއްޔެވެ؟

"ތި ހޯދަނީ ހަމަ ހިމޭން މީހުން މަދު، ހިތް ފަސޭހަ ތަނެއްތަ؟ ހުޅުމާލެ ފެރީ ޓާމިނަލަށް އާދޭ،" އިއްޔެ ޓާމިނަލް އޮތް ގޮތް މީހަކު ސިފަކޮށްދިނީ މިހެނެވެ.

އޭގެ އަނެއް ކޮޅު ބަލާއިރު ބާރު ބޮޑުވީ އެކޮޅެވެ. ބްރިޖެވެ. ބްރިޖަށް އަރަން އިއްޔެ ހަވީރުން ފެށިގެން ބޮޑު ކިޔެއް ދަމާލި އެވެ. އިރުއޮއްސުނުއިރު ވެސް ހަވީރު ދަމާލި ކިޔު ނުނިމެ އެވެ. ޕިކަޕްތަކާއި ލޮރީތަކާއި ކާރުތަކުގައި އާއިލާތައް ހުޅުމާލެ ދިޔަ އެވެ. ބިދޭސީން ހިނގާފައި މިސްރާބު ޖެހީ އެ ދިމާލަށެވެ. ޒުވާނުންނާއި ޖޯޑްތައް ވެސް ސައިކަލްގައި މިސްރާބު ޖެހީ ހުޅުމާލޭގައި ބުރު ޖަހާލާފައި އަންނާށެވެ.

އެތައް ސަތޭކަ ބަޔަކު އިއްޔެ ބްރިޖު ހުރަސްކޮށްފައިވާއިރު މާލޭގެ ޕާކްތަކަށް އިއްޔެ ވެސް ވެރިވީ ފަޅު ކަމެވެ. ރަސްފަންނާއި ސުނާމީ ބިނާ މައިޒާނާއި ޖުމްހޫރީ މައިދާން ސަރަހައްދުން އެހެންޏާ މީހުން ފެންނަ ވަރަށް ނުފެނެ އެވެ. އެ ތަންތަނަށް ދާނެ މީހަކު ނުވި އެވެ.

"މިހެން ފަސޭހަކޮށް ދެވެންޏާ މާ ރަނގަޅޭނުން ދަރިން ގޮވައިގެން ސެންޓްރަލް ޕާކަށް ގޮސްލަން، އެއީ ބޮޑު ތަނެއް، ދަރިން ހަމަޖެހިލައިގެން ކުޅެލެވޭނެ އެ ތަނުގަ،" މަންމައަކު ބުނީ މިހެނެވެ.

ކޮންމެއަކަސް ބްރިޖާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދަތުރަށް މިއޮތީ ބޮޑު އިންގިލާބު އައިސްފަ އެވެ. އެތައް ލުޔަކާއި ފަސޭހައެއް ލިބިގެން ގޮސްފަ އެވެ.