ހަބަރު

ކައްދޫއަށް ބޮޑެތި ބޯޓުތައް ޖެއްސޭވަރު ކޮށްދޭނަން: ރައީސް

ލ. ކައްދޫގެ އެއާޕޯޓަކީ ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުކޮށް އެންމެ ބޮޑެތި ބޯޓުތައް އެ އެއާޕޯޓަށް ޖެއްސޭވަރު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރާއްޖޭގެ އެންމެ ބިން ބޮޑު ރަށް ކަމަށްވާ ލ. ގަމަށް ރައީސް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކައްދޫގެ އެއާޕޯޓަކީ ބައިނަލްއަގްވާމީ ބޮޑު އެއާޕޯޓަކަށް ހަދަން ޖެހޭ އެއާޕޯޓެއް ކަމަށެވެ.

"އަޅުގަނޑަށް ދެވަނަ ދައުރެއް ތިޔަ ބޭފުޅުންގެ މަސައްކަތުން ﷲގެ ރަހުމަތާއެކު މިންވަރު ކުރައްވައިފިނަމަ އެންމެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކައްދޫއަކީ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ އެއާޕޯޓަކަށް ހަދާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކައްދޫ އެއާޕޯޓަކީ ބައިނަލްއަގްވާމީ އެއާޕޯޓަކަށް ހެދުމުން ލ. އަތޮޅަށް ޓޫރިޒަމްގެ ބޮޑު ފައިދާއެއް ލިބިގެން ދާނެ ކަމަށެވެ. ޒުވާނުންގެ ޖީބުތައް ތަނަވަސް ވެގެން ދާނީ ވެސް އޭރަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންގެ ޖީބުތައް ތަނަވަސްވުމަކީ އެހެން ހުރިހާ މީހުންގެ މޫނު މައްޗަށް އުފާވެރިކަން އަންނާނެ ކަމެއް ކަމަށެވެ.

"އެހެންވީމަ ނެތޭ ނޫންތޯ ރައީސް ޔާމީން ނޫން އެހެން މީހެއް ވޯޓު ދޭން ޖެހޭ، ނެތް ކަމަށްވާނަމަ އަޅުގަނޑަށް ފުދިއްޖެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަކީ ގައުމީ ވާޖިބެއް އަދި އަމާނާތެއް ކަމަށް ވެސް ރައީސް ޔާމީން މިއަދު ވަނީ ވިދާޅުވެފަ އެވެ.