ހަބަރު

އިބޫ ދެއްކެވީ ދޮގު ވާހަކައެއް، ތަހުގީގު ކުރާނަން: ފުލުހުން

Sep 11, 2018
18

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ދޮގު ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އެމައްސަލަ ތަހްގީގްކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ނ. މާޅެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ގައްލާދޫ ކަނޑު ހުރަސްކުރަނިކޮށް ދޯންޏެއް ދިޔަވެ، އަޑިއަށްދާން ފެށުމުން ފުލުހުންނަށް ގުޅައި ދޯނި އަޑިއަށް ދާކަމަށް ބުނުމުން އިރުކޮޅަކުން ގުޅާފަ އިބޫ އަށް ތާއީދުކުރޭތޯ އެދޯނީގެ ވެރިފަރާތާއި ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު އެއަށް ޖަވާބުދެވެން ނެތް ކަމަށް ބުނުމުން ކުޑައިރު ކޮޅަކުން ގުޅާފަ މިވަގުތު ނެތޭ ލޯންޗެއް ކަމަށާއި ލޯންޗެއް ހަމަޖެހުމުން ދާނެ ކަމަށް ފުލުހުން ބުނި ކަމަށް އެ ދޯނީގެ ފަރާތްތަކާ ހަވާލާދީ އިބޫ ވިދާޅުވި އެވެ.

"ފުލުހުންނަށް ގުޅާފަ ދޯނި އަޑިއަށް ދަނީ ކަމަށާ އެހީތެރިކަން ބޭނުން ކަމަށް ބުނީމާ އިރުކޮޅަކުން ގުޅާފަ ސުވާލުކުރީ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަންހޭ، އޭނަ ބުނީ ބައްލަވާ އަޅުގަނޑުގެ ދޯނި އަޑިއަށްދަނީއޭ، ތިވާހަކަ ދެއްކޭކަށް މިހާރަކު ނެތޭ، ތިމަންނަ ވޯޓުލާނީ އިންސާފަށޭ، ކުޑައިރުކޮޅަކުން އަނެއްކާ ގުޅާފަ ބުނީ މިވަގުތަކު ނެތޭ ލޯންޗެއް، ލޯންޗެއް ހަމަޖައްސައިފިއްޔާ ތިމަންނަމެން ތިއަ ތަނަށް ދާނަމޭ، ކުޑަ އިރުކޮޅެއްގެ ތެރޭގަ ދޯނި އަޑިއަށް ހިނގައްޖެ،" އިބޫ ވިދާޅުވި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ކެންޑިޑޭޓެއް ކަމަށްވާ އިބޫ، މާޅޭންދޫއަށް ވަޑައިގެން ފުލުހުން ބަދުނާމުކޮށް ވާހަކަތަކެއް ހާމަކޮށްފައިވާ ކަމަށާއި އެކަމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ގަސްތުގައި ފުލުހުންނާއި ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަ ދެއްކުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށް ޝިފާން ވިދާޅުވި އެވެ.

"އޭގެ އިތުރަށް ރައްޔިތުންނާއި ފުލުހުންނާއި ދައުލަތާދެމެދުގައި ރައްޔިތުންގެ ވިސްނުމާއި ކަންބޮޑުވުން ބަދަލުކުރުމަށްޓަކައި އެފަދަ ވާހަކަތައް ދެއްކުމަކީ ފުލުހުން ބަލައިގަންނަ ކަމެއް ނޫން، އަޅުގަނޑުމެން މިކަން ބަލައި ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ، މި ހާދިސާ ހިނގާފައިވަނީ 14 އޮގަސްޓްގައި،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، އެކަމަކީ ފުލުހުން އެއްވެސް ގޮތަކަށް އަމަލު ކުރާނެ ގޮތެއްނޫން ކަމަށާއި ފުލުހުންނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެެކު ހިދުމަތް ދިނުމަށް އުފައްދާފައިވާ މުއައްސަސާއެއް ކަމަށެވެ. އަދި އެމައުލޫމާތު ލިބުމުން ފުލުހުން ވަނީ އެފަދަ ކަމެއް ހިނގާފައިވޭތޯ ވަރަށް ރަނގަޅަށް ބަލާފައި ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

"މިއަހަރުގެ 14 އޮގަސްޓްގައި އެފަދަ ހާދިސާއެއް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭ، ލިބުމާއެކު ހއ. އިހަވަންދޫ ސްޓޭޝަނުން އެރަށުގައި ދުއްވާ ލޯންޗަކާއި ޒިކުރާ ނަމަކަށްކިޔާ ދޯންޏެއް ވަގުތުން ފޮނުވި، އެ ދޯނި އިހަވަންދޫއަށް ގެނެސް ދޯނި ދިޔަ ހިއްކާ ފުންކޮށް ބޭނުން ކުރެވޭނެ ހާލަތަކަށް ގެނެސް ފުލުހުން ވަނީ އަމަލީ ގޮތުން ބައިވެރިވެފަ،" ޝިފާން ވިދާޅުވި އެވެ.

އެވާހަކައަކީ އެހާދިސާގެ އަސްލު އޮޅުވާލުމަށް އިބޫ ދައްކާފައިވާ ވާހަކައެއް ކަމަށާއި އެފަދަ ހާލަތެއް ރައްޔިތަކަށް ދިމާވެއްޖެނަމަ ފުލުހުން ފަސްނުޖެހި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"ފުލުހުން އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަހްގީގް ކުރާނަން، އަދި ތަހްގީގް ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްވެސް ކުރާނަން، ކަމާބެހޭ އިދާރާތަކުން އިތުރަށް ކުރަން ޖެހޭ ތަހްގީގްތައް ކުރުމަށް އެ އިދާރާތަކަށްވެސް މައްސަލަތައް ހުށަހަޅާން، އިލްތިމާސްކުރަން، ތަފާތް ޒާތީ، އަމިއްލަ މަންފާ އަށް ފުލުހުންގެ ނަމުގައި މިފަދަ ބޮޑެތި ދޮގު އިލްމާސްތައް އަޅުވައި ފުލުހުންގެ އަގު ވައްޓާލުމުގެ ނިޔަތުގައި މިފަދަ މަސައްކަތްތައް އެއްވެސް ފަރާތަކުން ނުކުރުމަށް،" ޝިފާން ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާއާ ގުޅޭގޮތުން ދައްކާ ހަގީގަތާއި ހިލާފް ވާހަކަތައް ބަލައި އެކަންކަމާބެހޭ ގޮތުން އެއްވެސް އިހްމާލެއް ނުވަތަ ފުލުހުންގެ އަގު ވެއްޓޭފަދަ ވާހަކައެއް ދައްކާފައިވާކަން ސާބިތުވެއްޖެނަމަ އެކަމާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.