ހަބަރު

އުފަންރަށް ހިންނަވަރަށާއި މާމިނގިއްޔަށް އިބޫ ވަޑައިގަންނަވަނީ

އުފަން ރަށް، ޅ. ހިންނަވަރަށާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އުފަން ރަށް އދ. މާމިނގިލީ ހިމެނޭ ގޮތަށް ބައެއް ރަށްރަށަށް ކުރައްވާ ދަތުރެއްގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ފުރާވަޑައިގެންފި އެވެ.

އިބޫ މިއަދު ހަވީރު މާމިނގިއްޔަށް ވަޑައިގަންނަވާއިރު މިރޭ އެ ރަށުގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާނެ އެވެ. ޕީޕީއެމްއިން ވަނީ އެ ރަށުގެ ބޮޑު ތާއިދެއް މިހާރު ޕީޕީއެމްއަށް ލިބިފައިވާ ކަމަށް ބުނެ އެވެ.

މާމިނގިލީގެ ކުރިން އއ. ތޮއްޑޫ އާއި ރަސްދޫ އަދި މަތިވެރިއަށް އިބޫ ވަޑައިގަންނަވާނެ އެވެ. އެއީ އިދިކޮޅު ކޯލިޝަނަށް ތާއިދު ބޮޑު ތިން ރަށެވެ. މާދަމާ އިބޫ ވަޑައިގަންނަވާނީ އދ. ދިގުރަށާއި މަހިބަދޫ އަދި ބޮޑުފުޅަދޫއަށެވެ. އޭގެފަހުން ޅ. އަތޮޅަށް ވަޑައިގަންނަވާނެ އެވެ.

އުފަން ރަށް، ހިންނަވަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަވީރު އެވެ. އަދި އެ ރޭ ބޮޑު ޖަލްސާއެއް ހިންނަވަރުގައި ބާއްވާނެ އެވެ. ހޮނިހިރު ދުވަހު އިބޫ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރަނިންމޭޓް ފައިސަލް ނަސީމްގެ ދާއިރާގެ ރަށްތަކަށެވެ.