ހަބަރު

ގިނަ ރަށްތަކަކުން ގޯތި ދޫކުރަން ސަރުކާރުން ނިންމައިފި

ގިނަ އަހަރުތަކަކަށްފަހު ރަށްރަށުން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމައި އެ ގޯތިތަކަށް ކުރިމަތިލާން މިރޭ ހުޅުވާލައިފި އެވެ.

މިރޭ ހުޅުވާލާފައިވަނީ ހދ. ކުޅުދުއްފުށިން 80 ގޯއްޗާއި ހދ. ހަނިމާދޫއިން 200 ގޯއްޗާއި ގދ. ތިނަދޫއިން 150 ގޯއްޗާއި ކ. ތުލުސްދޫއިން 85 ގޯއްޗާއި ކ. މާފުށިން 100 ގޯއްޗާއި ކ. ހިންމަފުށިން 70 ގޯއްޗާއި ދ. މީދޫއިން 200 ގޯއްޗާއި ލ. ގަމުން 400 ގޯއްޗަށް ކުރިމަތިލުމަށެވެ.

މީގެތެރެއިން މާފުއްޓާއި ތިނަދޫ އާއި ގަމުން ގޯތި ދޫކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މި ހަފުތާގެ ތެރޭގައި އިއުލާން ކުރައްވާފައިވެ އެވެ. އެ ރަށްރަށަކީ ގޯތީގެ ދަތިކަން ކުރިމަތިވެފައިވާ ރަށްތަކެެވެ.

އޭގެއިތުރުން ކުޅުދުއްފުއްޓާއި ތުލުސްދޫއަކީ ވެސް ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަރިވެފައިވާ ދެ ރަށެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް ގިނަ ރަށްތަކަކުން ގޯތި ދޫކުރަން ނިންމާފައިވާއިރު އެ ރަށުން ގޯތި ދޫނުކުރާތާ ވަނީ ގިނަ އަހަރުތަކެއްވެފަ އެވެ. އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ މީގެ ދުވަސްތަކެއް ކުރިން ބިން ހުރި ރަށްރަށުން ގޯތި ދޫކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި ގޯތި ދޫކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރަށްރަށުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތައް ވެސް ވަނީ އާންމުކޮށްފަ އެވެ. ޝަރުތުތަކުގެ ތެރޭގައި އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތް މީހަކަށްވުން ހިމެނެ އެވެ.

އަށްޑިހަ ގޯތި ދޫކުރަން ހަމަޖައްސާފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ ކެޓަގަރީ އާއި ހުރިހާ ފަރާތްތަކަށް ހާއްސަ ކެޓަގަރީ އެވެ.

ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.