ހަބަރު

ކެމްޕެއިނަށް މުއާ ބާޒާރު މައްޗަށް، މީހުން ރަތަށް!

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއިދު ހޯއްދެއްވުމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ހަވީރު ބާޒާރު މައްޗަށް ނިކުންނެވީ ރައީސް ޔާމީން 2018 ޓީޝާޓް ތުރު ކުރައްވައިގެން މެގަފޯން ހިއްޕަވައިގެން އެވެ. އަޒުމަކަށް ވެފައި އޮތީ ރައީސް ޔާމީންގެ ސިޔާސަތުތައް އާންމުންގެ ކަންފަތްތަކަށް ފޯރުކޮށްދިނުމެވެ.

ވެސްޓްޕާކް ސަރަހައްދުގައި ހުންނަ ޕީޕީއެމްގެ ޖަގަހައިން ނުކުމެ ވަޑައިގެން ޕީޕީއެމްގެ ސަޕޯޓަރުންތަކަކާއެކު މުއާޒު ހިންގަވާފައި މިއަދު ހަވީރު އެންމެ ފުރަތަމަ ވެންނެވީ ނޯތު ހާބަރު ތެރެއަށެވެ. އޭރު އާބާދީ ބޮޑު ހދ. ކުޅުދުއްފުށީގެ ބަހާދަރު ބޯޓާއި ބާދުސާހު ބޯޓު އޮތީ ފުރަން ރެޑީގަ އެވެ.

މުއާޒު ވަނީ ބާދުސާހު ބޯޓު ފުރި ގަޑީގައި އަޑުގަދަ ކުރާއިރިން އެ ބޯޓުގައި ތިބި މީހުންނާ ވާހަކަ ދައްކަވާފަ އެވެ. "ދެން ކަނޑު މަގުން ތިގޮތަށް ދަތުރު ކުރަން ނުޖެހޭނެ ކަމަށާއި އެއާޕޯޓް ރައީސް އަޅުއްވައި ދެއްވަނީ ކަމަށް" އޭނާ އަޑުއެހަރުކޮށް މެގަފޯނުން ވިދާޅުވި އެވެ.

ނަމަވެސް އެތަނުގައި ތިބި މީހުން، އެ އަޑުތަކަށް ތަރުހީބުގެ ބަދަލުގައި ފާޅުކުރީ ނުރުހުމެވެ. ރައީސް ޔާމީންގެ އެހެން ވެސް ކާމިޔާބީތައް އަޑުހަރުކޮށް މުއާޒު ފާހަގަ ކުރައްވަމުން ގެންދެވިއިރު ބޯޓުގައި ތިބި މީހުން ވަނީ އަތުގެ އިޝާރާތުން އެއް ނަންބަރު ކަމުނުދާ ކަމަށް ބުނެ ހޯއްގޮވައިފަ އެވެ. އަދި ދެ ނަންބަރު ބެސްޓް ކަމަށް ބުނެ ދެ އިނގިލީގެ، ވިކްޓްރީ ނިޝާންދެއްކި އެވެ.

މުއާޒު އަޑުގަދަ ކުރާއިން ވާހަކަ ކުރިއަށް ގެންދަން ފެށުމުން އެމްޑީޕީ ދިދަ ހިފައިގެން ހުރި މީހަކު އައިސް މުއާޒުގެ ކުރިމައްޗަށް އަރައި ހުރަސްއަޅަ އެވެ. އެކަމާ މުއާޒު ހިތްހަމަ ނުޖެހިގެން އެމީހާ ގައިގާ އަޅާ ކޮށްޕާލި އެވެ. އަދި އެ އުޅެނީ ރައީސްގެ ތަރައްގީ "ހަޖަމު" ނުވެގެން ކަމަށް އޭނާ އެމީހާޔަށް ވިދާޅުވި އެވެ. ދިދައާއެކު މޫދަށް ފުންމާލަން ވެސް މުއާޒު އެމީހާއަށް ގޮވާލި އެވެ. އެއާއެކު އެ ސަރަހައްދުގައި ތިބި މީހުންގެ ނުރުހުން މުއާޒަށް އިތުރަށް އަމާޒުވި ހޯބޯލެވި އެވެ.

ދެން މުއާޒު ވަޑައިގެންނެވީ މަސް މާރުކޭޓް ސަރަހައްދަށެވެ. އެ ސަރަހައްދުގައި ވެސް ރައީސް ޔާމީނަށް ތާއިދު ހޯއްދެއްވުމަށް ތަފާތު ވާހަކަތައް މުއާޒު އަޑުގަދަ ކުރާއިން ވިދާޅުވި އެވެ. ނަމަވެސް އެކަމާ އެ ސަރަހައްދުގައި ތިބި މީހުން އައީ ރުޅި އެވެ. ރުޅި އައިސް މުއާޒާއި އޭނާގެ ޓީމަށް "އެތިވަރުތައް ގޮވި" އެވެ. އެއާއެކު ވެސް މުއާޒު ވިދާޅުވަނީ އެތަނަށް އަދިވެސް އަންނާނެ ކަމަށެވެ.