ހަބަރު

ކޮލަމާފުށީ 18 މީހުން ބަންދުކުރި މައްސަލަ އިސްތިއުނާފުކުރަނީ

Sep 16, 2018

ޕީޕީއެމްގެ ޖަގަހަ އަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރު 18 މީހުންގެ ބަންދު އިތުރުކުރަން ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކުރުމަށް ނިންމައިފި އެވެ.

މިދިޔަ މަހުގެ ތެރޭގައި އެ 18 މީހުން ހައްޔަރުކޮށް އެންމެ ފުރަތަމަ 15 ދުވަހަށް ބަންދުކުރި އެވެ. އެ މުއްދަތު ހަމަވީ މިދިޔަ ހުކުރު ދުވަހަށެވެ. އެ ދުވަހު އެ 18 މީހުންގެ ބަންދު ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފަ އެވެ. އެމީހުންގެ ތެރެއިން 17 މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި އެކަކުގެ ބަންދަށް 12 ދުވަސް ޖެހި އެވެ.

އެގޮތަށް ބަންދު އެމީހުންނަށް ޖެހީ ދިފާއުގައި މާލެއިން ބޮޑު ގާނޫނީ ވަކީލުންގެ ޓީމެއް ވަޑައިގެން ތިއްބަވަނިކޮށެވެ. އެ 18 މީހުންނަށް 18 ވަކީލުން ހަމަޖެއްސި އެވެ. އެގޮތަށް ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުންނެވެ. އެ ގާނޫނުގައިވާ ގޮތުން އެއް ތުހުމަތެއް ކުރެވޭ ދެ މީހަކަށް ތަހުގީގު މަރުހަލާގައި އެއް ވަކީލެއް އައްޔަނެއް ނުކުރެވޭނެ އެވެ.

ވަކީލުންގެ ޓީމުގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލް އަހުމަދު އަބްދުﷲ އާއި ވަކީލް މޫސާ ސިރާޖާއި މަހުފޫޒު ސައީދާއި ސަފާ ޝަރީފާއި ނާޒިމް އަބްދުލްސައްތާރާއި މުހައްމަދު ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ.