ހަބަރު

ދައުލަތުން ބަލާ ހަ ކުއްޖަކަށް އާއިލާ ހޯދައިދީފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން ހަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން މިއަހަރުގެ މިހާތަނަށް އެކި އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. .

މިނިސްޓްރީން މިއަހަރު ފޯސްޓާ ހޯމްތަކަށް ފޮނުވާފައިވަނީ، ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅުނު ހަ ކުއްޖެކެވެ. އެއީ އުމުރުން ފަސް މަހާއި 11 އަހަރާ ދެމެދުގެ ތިން ފިރިހެންކުދިންނާއި ތިން އަންހެންކުދިންނެވެ

ޖެންޑަ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުދިން ފޯސްޓާ ކުރުމުގައި ބަލާފައިވަނީ، ފޯސްޓާކުރަން އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލު ފަރާތްތައް ދެނެގަތުމަށްފަހު ފޯސްޓާ ޕެނަލުން ކަމަށެވެ.

މި އަހަރު ހަ ކުއްޖަކު ފޯސްޓާ ކޮށްފައިވާއިރު އެ މިނިސްޓްރީން ވަނީ ދައުލަތުގެ ހިޔާތަކުގައި ދިރިއުޅެމުންދިޔަ 10 ކުއްޖަކަށް އެކުދިންގެ އަމިއްލަ އާއިލާ ވެސް ހޯދައިދީ ރީ-އިންޓެގްރޭޓްކޮށްފަ އެވެ. ކުދިން އާއިލާތަކާ ރީ-އިންޓަގްރޭޓް ކުރުމަކީ، ކުދިންނަށް އެ ކުދިންގެ ހައްގު ހޯދައިދިނުމުގެ ގޮތުން މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓާ ކުރުމާބެހޭ އުސޫލުގެ ދަށުން ކުދިން ފޯސްޓާކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ ހާއްސަ ޝަރުތުތަކެއްގެ މަތިން ޖެންޑާ މިނިސްޓްރީ އިން ދަނީ ކުދިންގެ ބެލެނިވެރިކަން އާއިލާތަކަށް ހަވާލުކުރަމުންނެވެ. މިދިޔަ އަހަރުވެސް ހަތް ކުއްޖަކު ފޯސްޓާ ކުރި އެވެ.