ހއ. ހޯރަފުށީގައި 2008 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހަމަލާ ދޭން އުޅުނު އެ ރަށު ކިނާރާ، މުހައްމަދު މުރުޝިދުގެ އަދަބު މާފުކޮށްދިނުމަށް އިއުތިރާޒެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޖިނާއީ ކޯޓުން 2008 ވަނަ އަހަރުގެ ތެރޭގައި ރައީސް މައުމޫންއަށް ހަމަލަދޭން ރޭވުމުގެ ކުށުގައި މުރުޝިދު 12 އަހަރަށް އަދި ވަޅިއަކުން ރައީސަށް ހަމަލާ ދިނުމުގެ ކުށުގައި އެއް އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ. ޖުމްލަ 13 އަހަރުގެ ހުކުމެއް މުރުޝިދުގެ މައްޗަށް އިއްވި އެވެ. އޭނާ ދަނީ އެ ހުކުމް ތަންފީޒުކުރަމުންނެވެ. ހުކުމްގެ ބޮޑު ބައި ވަނީ މިހާރު ތަންފީޒުކޮށް ނިންމާފަ އެވެ.
ރައީސް މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ، މުރުޝިދުގެ މައްޗަށް ސާބިތުވި ހުކުމް މާފުކޮށްދިނުމަށް ނުވަތަ ލުއިކޮށްދިނުމަށް ރައީސް މައުމޫންގެ އިއުތިރާޒެއް ނެތް ކަމަށް ކްލެމެންސީ ބޯޑްގައި މައުމޫން ދަންނަވާފައިވާ ކަމަށެވެ. އެގޮތަށް ރައީސް މައުމޫން ދެންނެވިއިރު އެމަނިކުފާނު މިހާރު ހުންނެވީ އެއް އަހަރާއި ހަތަރު މަސްދުވަހުގެ ޖަލު ހުކުމެއްގައި މާފުށީ ޖަލުގަ އެވެ.
އެ ހާދިސާގައި ރައީސް މައުމޫން ސަލާމަތް ކުރުމަށް މަސައްކަތްކޮށް ޒަހަމްތަކެއް ލިބުނު ހޯރަފުށީ ދިވެލި، މުހައްމަދު ޖައިޝަމަށް އަނިޔާތަކެއް ވެސް ލިބުނެވެ. އެ މައްސަލާގައި ވެސް މުރުޝިދަށް ދައުވާކުރި އެވެ. ނަމަވެސް އެ ދައުވާ ސާބިތެއް ނުވެ އެވެ. ރައީސް މައުމޫންއަށް ހަމަލާދޭން އުޅުނު މައްސަލާގައި އިއްވި ހުކުމާއެކު ޝަރީއަތުގެ މަޖިލީހުގައި މުރުޝިދު ވަރަށް ބޮޑަށް އޭރު ރޮއެފައިވެ އެވެ.