މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ރަށްތައް ދޫކުރި ފަރާތްތަކާއި އެ ހިޔާނާތާ ގުޅޭ ތަފްސީލްތަކުގެ އާ ރިޕޯޓެއް އާންމުކޮށްފި އެވެ.
މި ރިޕޯޓް އާންމުކޮށްފައިވަނީ އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް، އޯސީސީއާރްޕީއިންނެވެ. އޯސީސީއާރްޕީއަކީ މީގެކުރިން އެތައް ގައުމުތަކެއްގެ ވެރިންނާއި މަޝްހޫރު މީހުންގެ ހިޔާނާތްތައް ފަޅާއަރުވާލި ޕެނަމާ ޕޭޕާސްތައް އާންމުކުރި އަމިއްލަ ޖަމިއްޔާ އެކެވެ.
ރިޕޯޓްގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، 50 އަށްވުރެ ފަޅު ރަށާއި ފަޅުތައް ދޫކުރި ގޮތުގެ ތަފްސީލްތައް ހާމަކުރި އެވެ. މިހާތަނަށް އާންމު ނުވެ އޮތް އެ "ޑީލްތަކުން" ފައިދާ ލިބުނު ކުންފުނިތައް ހާމަކުރި އެވެ. ރިޕޯޓްގައިވާ ގޮތުން އެ ރަށްތައް ދޫކޮށްފައިވަނީ ޓެންޑާއަށް އާންމުކޮށް ހުޅުވާނުލައި އަދީބަށް ފައިދާވާ ގޮތަށް ކަމަށެވެ.
ރަށްތައް ނުއަގުގައި ލިބުނު ވިޔަފާރިވެރިންނާއި ކުންފުނިތައް ރިޕޯޓްގައި ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި ޔުނިވާސަލްގެ މުހައްމަދު އުމަރު މަނިކާއި ޗަންޕާ ބްރަދާސް އެންޑް ކްރޯން ކޮމްޕެނީ ހިމެނެ އެވެ.
ބޭރުގެ ބޮޑެތި ބްރޭންޑްތަކަށް ވެސް މަންފާ ލިބިފައިވާކަން ރިޕޯޓްގައި ފާހަގަކުރަމުން އެ ބްރޭންޑްތަކުގެ ލިސްޓެއް އާންމުކުރި އެވެ. އެގޮތުން މަޝްހޫރި ނުވަ ބްރޭންޑެއްގެ ނަން ހިމަނާފައިވެ އެވެ. އެއީ ވޯލްޑޯފް އެސްޓޯރިޔާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި މީލިއާ ހޮޓެލްސް އިންޓަނޭޝަނަލް އާއި ރިކްސޯސް ހޮޓެލްސް އާއި ރޮބިންސަންސް އާއި
ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި އަލީ ބޭ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ކޯމޯ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ސޭމްޑް ރިސޯޓްސް އެވެ.
އޭގެ އިތުރުން ރާއްޖޭގައި މިހާރު ވެސް ރިސޯޓްތައް ހިންގާ އެހެން ކުންފުނިތަކުގެ ނަން ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޮން ބެންގް ސެންގް ކްރިސްޓީނާ އޮންގް ހޮޓަލް ޕްރޮޕަޓީސް ލިމިޓަޑާއި ސޮނެވާ އާއި އެޓިކެން ސްޕެންސް އާއި ލާސް ޕިޓްރޭ ހިމެނެ އެވެ. އަދި ރާއްޖެއަށް އާ ގިނަ ބޭރު ކުންފުނިތަކެއްގެ ނަން ވެސް ހިމަނާފައިވެ އެވެ.
އެ ރިޕޯޓްގައި އެމީހުންގެ ނަން ހާމަކުރާތީ އެމީހުންގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެމީހުން ވަނީ އޯސީސީއާރްޕީއަށް ކޮމެންޓެއް ދޭން އިންކާރުކޮށްފަ ކަމަށް ރިޕޯޓްގައިވެ އެވެ. ރިޕޯޓް އެކުލަވާލާފައިވަނީ ކުރިން އާންމުފައިވާ ލިޔެކިޔުންތަކާއި އަހުމަދު އަދީބުގެ ދެ ފޯނަކުން ފެނުނު މެސެޖްތަކާއި ފޮޓޯތަކުން ލިބުނު މައުލޫމާތުތަކުގެ މައްޗަށެވެ.
ދައުލަތުން 1.2 ބިލިއަން ރުފިޔާ ގެއްލުނު ހިޔާނާތާ ގުޅިގެން ރިޕޯޓްގައި އެންމެ ބޮޑު ތުހުމަތުތަކެއް ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި އަދީބަށެވެ. މީގެކުރިން ވެސް ތުހުމަތުވެފައިވާ އެކަންކަމަށް ދެ ބޭފުޅުން ވެސް އިންކާރު ކުރައްވާފައިވެ އެވެ. އަދި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް ކުރައްވާފައިވެ އެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ ފަޅު ރަށްތައް ރިސޯޓް ތަރައްގީ ކުރަން ދޫކުރާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ ލިބޭ ފައިސާތަކަށަ އަދީބު ހިޔާނާތްވަމުން ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އަދީބު ވިދާޅުވެފައިވަނީ ހިޔާނާތުގެ ފައިސާތައް ގެންދަނީ ރައީސް ދިރިއުޅުއްވާ ގެކޮޅަށް ކަމަށާއި ފައިސާތައް ގުނުއްވަނީ ވެސް އެމަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ.
އޯސީސީއާރްޕީއަށް ވާހަކަ ދައްކާފައިވާ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ރަށްތައް ނުއަގުގައި ޓެންޑާ ކުރުމެއް ނެތި ދޫކޮށްފައިވަނީ ރައީސް ޔާމީނަށް ވެސް އެނގިގެން ކަމަށް ބުނެފަ އެވެ. އެކަން ރައީސް އޮފީހަށް ނާންގައި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އަދީބުގެ ފޯނުގެ މެސެޖްތަކުން ވެސް ރަށްތައް ދޫކުރާ ގޮތް ރައީސް ސާފުކުރައްވާކަން އެނގޭ ކަމަށް އޯސީސީއާރްޕީއިން ބުނެފައިވެ އެވެ.
އެގޮތުން އއ. މަތިވެރި ފިނޮޅާ ގުޅޭ ގޮތުން ރައީސް، އަދީބަށް ފޮނުވައްފާއިވާ މެސެޖެއް އަދީބުގެ ފޯނުން ފެނިފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދީބު އެ މެސެޖަށް ޖަވާބު ދެއްވަމުން "މިއަދު އެ ރަށް ދޭނަން، ލަސްވާތީ މާފުކުރޭ،" އޭ ވިދާޅުވެފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އެމްއެމްޕީއާރްސީއިން ދެ ރަށެއް ލިބުނު ސިންގަޕޫރުގެ މަހުޖަނު އޮންގް ބެންގް ސެންގްއާ ރައީސް ޔާމީން ބައްދަލުކުރައްވާފައިވާކަން ވެސް އަދީބުގެ ފޯނުގެ މެސެޖްތަކުން އެނގޭ ކަމަށް ރިޕޯޓްގައިވެ އެވެ.