ހަބަރު

ދަރިވަރަކާ ބެހުނު ކަމަށް ބުނާ އިންޑިއާ ޓީޗަރު މިނިވަން ކުރުމުން ގައުމަށް ހިނގައްޖެ

ފ.ފީއަލީ ސްކޫލްގެ ދަރިވަރަކާ ބެހުނު ކަމުގެ ތުހުމަތުގައި މީގެ އަށް މަސް ދުވަސް ކުރިން ހައްޔަރުކުރި އިންޑިއާ ޓީޗަރު މިނިވަންކުރުމާ އެކު ގައުމަށް ހިނގައްޖެ އެވެ.

އިނގިރޭސި ޓީޗަރެއްގެ ގޮތުގައި މީގެ ހަތް އަހަރު ކުރިން ފެށިގެން ރާއްޖޭގައި ވަޒީފާ އަދާކުރަން ފެށި އުމުރުން 51 އަހަރުގެ ކޭކޭ. ޖަޔަޗަންދުރަން ދޫކޮށްލާފައި ވަނީ އިންޑިއާ ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ ދިވެހި ސަރުކާރަށް ކުރި ޕްރެޝަރާ ހެދި އެވެ. ދިވެހި ސަރުކާރުން އެ ގޮތަށް ނިންމީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖު އެ މައްސަލައިގެ ތެރެއަށް ވެންނެވުމާ ގުޅިގެން ކަމަށް ޖަޔަޗަންދުރަން ނިސްބަތްވާ ކެރެލާ ސްޓޭޓުގައި ހުންނަ ވެރިކަން ކުރާ ބީޖޭޕީގެ ގޮފީގެ ރައީސް ވ. މުރަލިދަރަން ކުރިން ވިދާޅުވެފައިވެ އެވެ.

އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޖަޔަޗަންދުރަ ހައްޔަރުކޮށްފައި ވަނީ ފ. އަތޮޅު ފެމިލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރަށް ހުށަހެެޅި މައްސަލައަކާ ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުގެ ރެ އެވެ.

ދަ ހިންދޫގައި ބުނެފައި ވަނީ ޖަޔަޗަންދުރަން ދޫކޮށްލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެނބުރި ގައުމަށް ގޮސްފައި ވަނީ އިއްޔެ އެވެ. މަލަޕޫރަމްގެ ކޮހިނޫރަށް ނިސްބަތްވާ ޓީޗަރާ ހަވާލާދީ ހިންދޫގައި ބުނެފައި ވަނީ އޭނާ ސަލާމަތް ވެފައި ވަނީ އާއިލާ އާއި އެކުވެރިންނާއި މީޑިއާގެ ސަބަބުން ކަަމަށެވެ. އަދި މިނިވަންވެ ގައުމަށް އާދެވުމުން "އަލުން އުފަންވުން" ފަދަ އިހްސާސެއް ކުރެވިއްޖެ ކަމަށެ ބުނެފައިވެ އެވެ.