ހަބަރު

މާލޭގައި ޒުވާނެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

މާލޭގައި ޒުވާނެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ. މީގެއިރުކޮޅެއް ކުރިން މި މާރާމާރީ ހިނގާފައިވަނީ ހެންވޭރުކޮޅުގަ އެވެ.

މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި މާރާމާރީ ހިންގީ ހިނގާފައިދިޔަ ޒުވާނަކާ، އިތުރު ތިން ޒުވާނުން އައިސް ހަމަލާދީގެނެވެ. އެ ތިން ޒުވާނުން ވެގެން އަނެއް ޒުވާނާގެ ކަރަށް ވަޅި ހެރި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

އޭނާގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވީ ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުލިބެ އެވެ. އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މަންޒަރު ދުށް މީހާ ބުނި ގޮތުގައި އެ ސަރަަހައްދުން ފުލުހުން ވަނީ އެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ. ނަމަވެސް ފުލުހުންގެ ބަހެއް އަދި ނުލިބޭތީ އެކަން ކަށަވަރެއް ނުވެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފުވައްމުލައް ސިޓީ އާއި ރ. ދުވާފަރުގައި ވެސް ކަރަށް ވަޅި ހަރައި ދެ ޒުވާނަކު ޒަހަމްކޮށްލާފައިވެ އެވެ. އަދި މާލޭގައި މިފަހުން ހިނގި ވަޅި ޖެހުމެއްގައި ޒުވާނަކު މަރުވެފައިވެ އެވެ.