ހަބަރު

ލަންކާގައި ނަޝީދުގެ ދެއްވި ޕްރެސްކޮންފަރެންސަށް ފުލުހުން ރައްދު ދީފި

މިއަދު ލަންކާގައި އިންޓަނޭޝަނަލް މީޑިއާޔާ ބައްދަލު ކުރައްވާ ދިވެހި ފުލުހުންނާއި ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވީ ހަގީގަތާއި ހިލާފް ވާހަކަތަކެއް ކަމަށް ބުނެ ފުލުހުން ރައީސް ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.

ކޮލޮމްބޯގައި ހުންނަވާ ބައިނަލް އަގްވާމީ މީޑިއާތަކާއި ބައްދަލުކުރައްވައި މިއަދު ހެނދުނު ދެއްވި ޕްރެސްއެއްގައި ރައީސް ނަޝީދު ވަނީ ބައެއް ގޭންގްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުލުހުންގެ ޔުނީފޯމް ދީގެން ނެރޭ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދިި ނަޝީދު ވަނީ އެކަމުގެ ސަބަބުން އަސްލު ފުލުހުން ވަކި ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މިކަމަކީ ވަރަށްވެސް ހިތާމަހުރި ކަމެއް ކަމަށާއި ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ފުލުހުންގެ ޔުނީފޯމްގައި ފުލުހުން ނޫން އެހެން ފަރާތްތަކުން ހަރަކާތްތެރިވާ ކަމަށާއި އަސްލު ފުލުހުންނާއި އެފަރާތްތައް ވަކި ކުރާނީ ކިހިނެއްކަން ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަކީ ފުލުހުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

"ފުލުހުން އަބަދުވެސް ޔަގީން ކުރަނި ފުލުހުންގެ ކޮލިފައިޑް ފުލުހުން ފިޔަވާ އިތުރު އެއްވެސް ފަރާތަކުން ފުލުހުންގެ ޔުނީފޯމްގައި މަސައްކަތެއް ނުކުރާނެ، އަދި މިކަން ދިވެހި ރައްޔިތުންވެސް ގަބޫލު ކުރާނެ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ތައްުޔާރުވުމަށް ފުލުހުން ވަރަށް ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ދަޑިވަޅެއްގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ފަރާތަކުން އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ފުލުހުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ ކަންކަން ސިޔާސީ އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

"އިންތިހާބަށް ތައްޔާރުވެގެން އަންނަ ދަނޑިވަޅުގައި މީގެ ކުރިން ފުލުހުން މީޑިއާއާ ބައްްދަލުކޮށް އިންތިހާބުގެ ބައެއް ކަންތައްތައްދާ ގޮތަކުންނާއި ނުވަތަ އިންތިހާބާއި ގުޅިގެން މިފަދަ ހަގީގަތާއި ހިލާފް ވާހަކަތައް ދައްކައި ރައްޔިތުން ރުޅިއަރުވައި ފުލުހުންނާއި ދޭތެރޭގައި މިފަދަ ކަންބޮޑުވުންތައް ރައްޔިތުންނާއި ހިއްސާކޮށް ފުލުހުންނާމެދު ނުރަނގަޅު ތަސައްވުރެއް ހަގީގަތާއި ހިލާފް ވާހަކަތަކެއް ދައްކައި އުނދަގޫ ދަނޑިވަޅަކަށް ދިވެހި ގައުމު ގެންދިއުމަށް މަސައްކަތް ކުރާނެކަން ވިދާޅުވެފަ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، މިކަންކަމުގެ ސަބަބުން މީގެ ކުރިންވެސް ވަނީ ރައްޔިތުންގެ މެދުގައި ފުލުހުންނާއި ނަފްރަތް އުފެދިފައި ކަމަށާއި އެފަދަ ކަންކަމަށް ހިތްވަރުދީފައި ކަމަށެވެ. އަދި ރައީސް ނަޝީދު ކުރެއްވި ކަމަކީ އެފަދަ ކަންކަމަށް ހިތްވަރުދިނުން ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.