ހަބަރު

އެކްޓިން ސީޕީ ނަވާޒު އިބޫއާ ބައްދަލު ކުރައްވައިފި

Sep 25, 2018
10

އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމް ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.

އިންތިހާބީ ރައީސް، އިބޫގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒު، އިބޫއާ ބައްދަލު ކުރެއްވީ ނަވާޒުގެ އެދިވަޑައިގަތުމަކަށް މިއަދުގެ ހެނދުގެ ވަގުތެއްގައި ކަމަށެވެ. މާރިޔާ ވިދާޅުވީ އިބޫގެ އަރިހަށް އެކްޓިން ކޮމިޝަނަރު، ނަވާޒު ކުރެއްވި އެ ޒިޔާރަތަކީ އިބޫއަށް މަރުހަބާ ދަންނަވައި ސަރުކާރުގެ ބާރުތައް ބަދަލު ކުރުމުގެ ކަންކަން ވީހާވެސް އޮމާންކޮށް ގެންދިޔުމަށް މަޝްވަރާ ކުރެއްވި ބައްދަލު ކުރެއްވުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ސަރުކާރުތައް ބަދަލުވެފައިވާއިރު ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އިންތިހާބީ ރައީސްއާ ބައްދަލު ކުރައްވައި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ކުރީގެ ސަގާފަތެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް އެކަހަލަ ކަންކަން ކުރިއަށް ދާތީ އެކަމާ އުފާ ކުރައްވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް އިއްޔެ ވަނީ ރައީސް އޮފީހުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި މަރުހަބާ ވިދާޅުވެ، ސަރުކާރު ބަދަލުވުމުގެ ކަންކަން ވީހާވެސް އޮމާންކޮށް ގެންދިޔުމަށް މަޝްވަރާ ކުރައްވައިފަ އެވެ.

އެ ބައްދަލު ކުރެއްވުމުގައި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް އާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފުލުހުންގެ އިންޓެލިޖެންސް ހެޑަކަށް ހުންނެވި، މުހައްމަދު ހަމީދު، އެމްސީ ހަމީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މާރިޔާ ވިދާޅުވީ ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ ކަމަށް ބުނެ ދެކެވޭ ވާހަކައިގެ ކަންބޮޑުވުންތައް ވެސް އިބޫ ވަނީ ނަވާޒުއާ ހިއްސާ ކުރައްވާފައި ކަމަށެވެ. އަދި އެފަދަ ގާނޫނާ ހިލާފު ކަންކަން މި މުއްދަތުގައި ވެސް ހުއްޓުވައި ދެއްވުމަށް އިބޫ ނަވާޒުގެ އަރިހުގައި ދެންނެވި ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.